ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާގެ ދެވަނަ ފިލްމުގައި މަޝްހޫރު ތަރި ދަރުމެންދުރާއާ އެކީ މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ޑައިރެކްޓަރު ސްރީރާމް ރާގްވަން ޑައިރެޓްކުރަން ހަމަޖެހިފައިވާ ތާރީހީ ބައޮގްރަފިކަލް ޑްރާމާ "އިއްކިސް" އެވެ. މި ފިލްމު އެންމެ ފުރަތަމަ 2019 ގައި އިއުލާންކުރީ ވަރޫން ދަވަން ޓައިޓްލް ރޯލު ކުޅޭ ގޮތަށެވެ.
ނަމަވެސް "އިއްކިސް" އަކީ 21 އަހަރުގެ ހަނގުރާމައިގެ ބަތަލައެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވެފައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފިލްމުގެ މަސައްކަތް ނުފެށި ލަސްވެ، އެކަން ދިގުލައިގެން ދިއުމުން ވަރޫން ވަނީ ފަހުން ދެ ފަރާތް އެއްބަސްވެގެން ފިލްމު ދޫކޮށްލައިފަ އެވެެ. ސަބަބަކީ އޭނަ އަށް މިހާރު 35 އަހަރުކަމުން 21 އަހަރުގެ ޒުވާނެއްގެ ރޯލު ކުޅެން މިހާރު ފިޓް ނޫން ކަމަށް ގަބޫލުކުރުމެވެ.
އަަގަސްޓިއާއާ އެކީ "އިއްކިސް" ހަދަން ނިންމި އިރު، އޭގައި ދަރޭއާ އެކީ މަސައްކަތްކުރަން ލިބުމަކީ އަގަސްޓިއާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފަކަށް ވެސް ވާނެ އެވެ. ދަރޭ އަކީ އަގަސްޓިއާގެ ކާފަ އަމީތާބާ އެކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ "ޝޯލޭ" ކުޅޫނު އެއް ބަތަލެވެ. އަނެއްކޮޅުން އަންނަ އަހަރު ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އަގަސްޓިއާގެ މާމަ ޖަޔާ ބައްޗަނާ އެކީ ވެސް ދަރޭ ފެންނާނެ އެވެ.
"އެއްކިސް" ގެ އާ ކާސްޓް އިއްޔެ އިއުލާންކުރީ ދަރޭގެ 87 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ. މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ. "އަންދާދުން" އާއި "ބަދުލާޕޫރް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސްރީރާމް މިހާރު އަންނަނީ ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ އެކީ "މެރީ ކްރިސްމަސް" ކިޔާ ފިލްމެއް ހަދަމުންނެވެ.
"އިއްކިސް" އަށް އަގަސްޓިއާ ސޮއިކުރި އިރު، އޭނަ ބޮލީވުޑަށް ތައާރަފު ވާނީ އަންނަ އަހަރުގެ "ދި އާޗީސް" އިންނެވެ. ހުޅަނގުގެ ކޮމިކް ވާހަކަ "އާޗީ" އަށް ބިނާކޮށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދާ އެ ފިލްމަކީ ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ވެސް ބޮލީވުޑަށް ތައާރަފުވާނެ ފިލްމެވެ.
އަގަސްޓިއާ، 22، އަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ނަންދާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އަގަސްޓިއާގެ ބައްޕަ ނިސްބަތް ވަނީ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ކަޕޫރް ޚާންދާނަށެވެ.