ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް އިންޑިއާ އިން ތަމްރީނު ދޭން ނިންމައިފި އެވެ.
އެގޮތުން ޕާލްގެ ނޭޝަނަލް ޖުޑިޝަލް އެކަޑެމީ އޮފް އިންޑިއާ (އެންޖޭއޭއައި) އާއި ރާއްޖޭގެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެމެދު 2020 ގައި ސޮއިކުރި އެމްއޯޔޫގެ ދަށުން އިންޑިއާ އަށް ފޮނުވުމަށް ހަމަޖެހިފައިވާ ފަނޑިޔާރުންގެ ފުރަތަމަ ބެޗްގައި 50 ބޭފުޅުން ހިމެނެ އެވެ.
އެ ފަނޑިޔާރުން ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރައްވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އެ ބޭފުޅުން ފުރާ ވަޑައިގަތުމުގެ ކުރިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނާއި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
— Judicial Service Commission (@MaldivesJSC) December 8, 2022
އެ ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އެންމެ ބޮޑު އެއް ރަމްޒަކީ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ތަމްރީން ކުރުމަށް ހިންގޭ ޕްރޮގްރާމްތައް ކަމަށް ވިދާޅުވެފަ އެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ އިންޑިއާގައި ދެވޭ ކުރު ތަމްރީނު ޕްރޮގްރާމެ ސަބަބުން ޝަރުއީ ދާއިރާ އަށް ފައިދާތަކެއް ކުރާނެ އެވެ.
— Judicial Service Commission (@MaldivesJSC) December 8, 2022
މި ތަމްރީން ޕްރޮގްރާމްގައި ކޯޓުގެ އަމާޒުތަކާއި ފަނޑިޔާރުކަން ކުރުމުގައި ގެންގުޅެން ޖެހޭ ހުނަރާއި ހުކުމް ޑްރާފްޓް ކުރުމާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އިރު، ގެންގުޅެންވީ އަހުލާގީ މިންގަނޑުތަކާ ބެހޭ ގޮތުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެއްބަސްވުމުގެ ދަށުން ޖުމްލަ 200 ފަނޑިޔާރުންނަނަށް އިންޑިއާ އިން ތަމްރީން ދޭން ހަމަޖެހިފައިވެ އެވެ.