Last Updated: April 24, 20:13
Wednesday, April 24, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: އަދުރޭ އާއި ކެއްކުމުގެ ރަހަގަނޑު

ދ. މީދޫ މަލާޒް ޢަބްދުއްރަޙީމް ޢީސާ ރިސޯރޓް ނަމުން ނަމަ އަދުރޭ 1977ގައި މާލެ އަތޮޅު ވިލިނގިލި (އަދުގެ ވިލިމާލެ) ވަޒީފާގެ ފެށުން އެއީ ރިސޯރޓް މަސައްކަތުގެ ފެށުން ކަމުގައި ވެގެންދިޔައެވެ. އޭރު ވިލިނގިލި ރިސޯރޓުގެ ޖެނެރަލް މެނޭޖަރަކީ ކަނޑި އަޙުމަދު އިސްމާޢީލް މަަނިކެވެ. ރިސޯރޓް މެނޭޖަރަކީ އަޙުމަދު އިސްމާޢީލް އެވެ.

ފުރަތަމަ ވަޒީފާ އަކީ ބަދިގޭގެތަށި ދޮވުމެވެ. ރިސޯރޓް ނަމުން ޕޭނޓްރީ ބޯއީއެވެ. އަސްލުވެސް ބޯއީއެކެވެ. އޭރު ކިރިޔާ 16 އަހަރު ފުރުނީއެވެ. މުސާރަޔަކީ 100 ރުފިޔާއެވެ . އޭރު އެނގޭގޮތުގައި އެއީ ކަނޑި އަޙުމަދު އިސްމާޢީލް މަނިކު ހިންގާ ރިސޯރޓެކެވެ. ސަރުކާރު ތަނެއް ހިންގަނީ ކަމަށްވެސް ބެލެވެއެވެ. އޭގެ ދެއަހަރު ފަހުން ޔުނިވަރސަލް ހިންގަން ފެށީކަމަށް ގަބޫލު ކުރެވެއެވެ. އަނެއްހެން އޭރުގެ ކަންތައް އެހާބޮޑަކަށް އޮޅުންފިލާ ހަނދާނެއް ނުހުރެ އެވެ.

އެދުވަސްވަރުގެ ސަރވިސް ދާއިރާގެ ގިނަ އިސްމީހުންނަކީ އައްޑޫ މީިހުން ކަމާ ، އެދުވަސްވަރު އެމީހުންނަކީ ގިނަ މަސައްކަތް ދަންނަ ބައެއްގެ ގޮތުގައި ރިސޯރޓުން ފެނިގެންދެ އެވެ. މުވައްޒަފުންގެ ގާތްކަން ބޮޑުކޮށް އެކަކު އަނެކަކުގެ އެހީތެރިކަމާއެކު މަސައްކަތް ދަސްކުރުމުގެ ފުރުޞަތު ބޮޑުވެ ކޮންމެ ދުވަހަކީ ފަރުވާ ބަހައްޓައިގެން ކުރަންޖެހޭ މަސައްކަތަށްވުރެން ވެސް ގިނަ މަސައްކަތް ކޮށްގެން ކުރިއެރުމާއި އިތުބާރު ހޯދަން މަސައްކަތް ކުރިދުވަސްތަކެވެ. އުމުރުގެ ގޮތުންވެސް އެހިތްވަރާއި މުރާލިކަން ހުރީތީ އެވެ.

ޝެފް އަބުދުއްރަހީމް އީސާ , ގެސްޓުންގެ ހިންހަމަޖެހުން ބޮޑު

އެދުވަސްވަރުގެ ޚަބަރުތަކާ ވާނުވާ ކަންކަން ސާފު ޒަމާނެއް ނޫނެވެ. ދެއަހަރެއްހާ ދުވަސް ފަހުން ވެރިކަމުގެ ދައުރުވެސް ބަދަލުވެ ލައްކަ ކަންކަން ހިނގި ކަން ހަބްރުތަކުން އެންގިގެންދިޔަ ދުވަސްވަރެކެވެ.

ބާރަ ވަރަކަށް އަހަރު ވިލިނގިލީގައި ހޭދަކޮށްލެވުނެވެ. ދެ އަހަރާއި ދުވަސްކޮޅަކު ޕޭންޓްރީގައި މަސައްކަތު އުޅެވުނެވެ . އޭރުގެ ރެސްޓޯރަންޓް ބަދީގޭގެ ތަށިދޮވުން މިޒަމާނު ހިތަށް ގެންނަންވެސް އުނދަގޫހާ ތަފާތު ދަތިކޮށް ކަންކަން ހުރިޒަމާނެވެ. ތަށި ސަމުސާ ފަދަ ސާމާނުވެސް މަދު ، ފަރުޖައްސައިގެން ކެތްތެރިކަމާއެކު ކަންކުރަން ދަސްވަމުން ދަސްކުރަމުން ދިޔަ ދުވަސްވަރެވެ. އޭރުވެސް ކަރަންޓުގެ ޒަމާންކަމުން އިސްކުރު ފެނުން ތަށިދޮވެވޭކަން އެއީވެސް ޒަމާނަށް ބަލާފައި ބޮޑުފަސޭހައެކެވެ. ދެއަހަރާ ދުވަސް ކޮޅެއް ފަހުން ބަދިގެ ހެލްޕަރަކަށް ބަދަލުވެ ސިލޯނު ކައްކާއެއްގެ ބެލުމުގެ ދަށުން ވަރަށް ގަޔާވެގެން މަސައްކަތް ފަށައިގަތީއެވެ. ތަށިދޮވުމުގެ މަސައްކަތު އުޅެމުންދިޔަ ދުވަސްވަރަކީ ބަދިގެތެރޭ ފެނިދެނިވި ފުރުޞަތަކަށް ވިސްނުން ހުރިކަމުން ބަދިގޭގެ މަސައްކަތާ ބީރައްޓެހިނުވެ ދޯޅުކޮށް ފަށައިގަތުމުގެ ހިތްވަރު ލިބުނެވެ.

އޭރު ބަދީގޭގައި މެޝިނަރީޒް މަދެވެ. ޑީސަލްއާއި ކަރަންޓު އުނދުނުން ކައްކަނީ، އެއްޗެހީގެ ދަތިކަމާއެކު މަސައްކަތްކޮށް ގެސްޓުންގެ ހިތްހަމަޖެހުމަށް ދުވަސް ނިންމާލުމުގެ ވިސްނުމުގައި ދުވަސް ނިމިގެން ދާނީއެވެ ، ކުރަން ފެށިކަމެއް ވެރީންގެ ކިބައިން ދުވަހަކުވެސް ފަރުވާކުޑައޭ ނޫނީ ގަޑި އަށް ނެތިގެން ބަހެއްބުނަން ޖެހުނު ދުވަހެއް ނާދެ އެވެ.

ޝެފް އަބުދުއްރަހީމް އީސާ ކުރަމަތި ރިޒޯރޓުގެ ބަދިގެ ޓީމާއި އެކީ

ބާރަ އަހަރު ބަދިގޭގެ މަސައްކަތަށް ފަހު ވިލިނގިލި ބަންދުކުރުމުން ދެ މަސް ދުވަހުގެ ޗުއްޓީއެއް ލިބުނެވެ. ރަށުގައި ދެ މަސް ކޮށްލުމަށްފަހު ވަޒީފާ ހަމަޖެހިގެންދިޔައީ ހަމަ އެއްކުންފުންޏަކުންނެވެ. ޔުނިވަރސަލްގެ ކުރުނބާ ރިސޯރޓުގެ ބަދިގެއިން ކައްކާއެށްގެ ވަޒީ ފާއިންނެވެ. ކުރުނބާގަ ކަން ދިމާވީ މުޅީން އެހެން ގޮތަކަށެވެ. ވިއްސަކަށް ދުވަސްތެރޭ ޢަލީ ނޫރައްދީން އަޅުގަނޑު ކުރަމައްޗަށް ގެންގޮސް ބަދިގޭގެ ވަޒީފާ ހަވާލު ކުރިކުރުން ވެގެން ދިޔައީ ރިސޯރޓް ދާއިރާގައި ފައި ހަރުލާ މަސައްކަތުގެ ޝައުގު އިތުރުވެ ކަމުގެ ތަޖުރިބާ އާއި އެކިީ މަސައްކަތުގެ އެހެންޒަމާނެއް ފެށިގެންދިޔަ ދުވަސްވަރެއް ކަމުގައެވެ.

ކުރަމަތީގައި އޭރު މުޅީންހެން ގޮތަކަށް ކާންދެމުން ދިޔައީ ސެޓް މެނޫއަށެވެ. ކުރަމަތީ މަސައްކަތް ފެށުމާ އެކު މުޅީންހެން ބުފޭއަށް ރެސްޓޯރަންޓް ބަދަލުކުރުމުގެ މަސައްކަތުން ކުރިއަށް ދިޔައީމެވެ. ސަރވިސް ރަނގަޅު ކުރުމާ ގެސްޓުންގެ ފަންތި ބަދަލުވަމުން އައުމާ ބޭރު ޝެފުންގެ ކިބައިން މަސައްކަތް ދަސްވެ ކުރިއެރުން ލިބިގެންދިއުން ކަމުގައި ޚާއްޞަކޮށް ޔޫރަޕްގެ އެގްޒެކެޓިވް ޝެފުންގެކައިރީ ކެއްކުމުގެ މަސައްކަތުގެ ނަސީބު ލިބުނެވެ.

ޝެފް އަބުދުއްރަހީމް އީސާ ކުރަމަތަ ރިސޯރޓުގައި ރިޕީޓަރސް ގެސްޓުންގެ ހިންހަމަޖެހުންބޮޑު

އަދި ކުރަމަތި ރިސޯރޓު އެއީ އަޅުގަނޑުގެ ޔުނިވަރސިޓީ ކަމުގައި ދެކެން . ކުރަމަތީގައި މަސައްކަތް ކުރަމުންދިޔަ ދުވަސްވަރަކީ ރާއްޖޭގެ ޓުއަރިޒަމް ވަރަށްބޮޑަށް ބަދަލުވަމުން ކުރިއަރަމުން މުޅީން އެހެން ފެންވަރަކަށް ހިދުމަތް ދިނުމަށް މެނޭޖްމަންޓުން މަސައްކަތްތަކެއް ކުރަމުން ސަރވިސްވެސް އަޕްގްރޭޑް ކުރަމުން ފެންވަރު ރަނގަޅު ވަކި ރިސޯރޓުގެ ބައިބައި ވެސް ކުރަމަތީގައި ހެދެމުން ބާރުސުޕީޑެއްގައި އެެންމެންގެ ބުރަ މަސައްކަތާއެކު ހަލުވި ދުވެލީގައި ކުރިއެރުން ލިބެމުން ދިއުމުގައި މެނޭޖްމަންޓް ޓީމުގައި ހިމެނުމުގެ ހިތްހަމަޖެހުން އެއީ މިދާއިރާގެ ކުރިއެރުން ކަމުގައި ގަބޫލުކުރެވެއެވެ.

ޔުނިވަރސަލް އަށް 25 އަހަރުގެ ޙިދުމަތުގެ ހަނދާނީފިލާ ލިބުނުކަން އަދުރޭ އުފަލާއެކު ފާހަގަކޮށްލިއެވެ.

ހުރިހާ ޒަމާނެއްގައި ވެސް ކުރަމަތީގެ ވެރިޔަކަށް ހުންނެވީ ޢަލީ ނޫރަށްދީނެވެ. އެއީ ވެރިއެއް، މަސައްކަތާ މުވައްޒަފުން ދަނޭ، ފުރަތަމަ މެނޭޖަރަކަށް ހުރީ ގިނިރާހިގެ ޝަކީލް ، ދެންވެސް ތަފާތު މެނޭޖަރުން ގިނަޒަމާނު މަސައްކަތްކުރި، ކުރަމައްޗަކީއެންދުގިނަ ބޮޑުރަށެއް. އެންމެ ރިސޯރޓެއްވެސް ނޫން ، ތިން ރިސޯރޓް އެއްރަށެއްގައި ހިންގާ ، ލައްކަ މަސައްކަތް ރަންގަޅު މުވައްޒަފުން ލައްކަބުރަ ދުވަސް. ރިސޯރޓުން ދިގު މުއްދަތުގެ އަގު ވަޒަން ކުރުމުގެ ހިތްހަމަޖެހުމާ އުފާ އަބަދުވެސް ލިބޭ ، ކުރަމަަތީގެ މަސައްކަތް ނިންމާލީ 2012 ގައި ، އެގޮތުން ރިސޯރޓް ދާއިރާގައި އެއް ކުންފުންޏެއްގައި 35 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރުމުގެ ހިތްހަމަޖެހުން ބޮޑުކަމުގައި ބުނެވިދާނެއެވެ. ދިރިއުޅުމުގެ ވާހަކަ ކިޔާލަދެމުން ބުނީ އެހާ ގިނަދުވަހު އާއިލާއާއި ދުރުގައި މަސައްކަތް ކުރުން އެއީ އެހާއެހާ ފަސޭހަ ކަމެއްނޫން ކަމުގައެވެ.

ދ. މީދޫ އަކުއާ ސުވީޓު ރެސްޓޯރަންޓު

އާއިލާއެއް ފެށުމުގެ ކުރިން ހަތަރު ފަސްއަހަރުން އެއްފަހަރު ކަމުގައި ރަށަށް ދަނީ , އެއީ އެދުވަސްވަރުގެ އުމުރާ ވިސްނުމާ ރާއްޖޭގެ ވަޒީފާގެ ކަންހުރިގޮތް ، އެކަމާ މާގިނަ އަނގަތަޅާނެ ކަމެއް ނެތް! އާއިލާއެއް ފެށުނުފަހުން އަހަރެއް ދޮޅުއަހަރަށްވުރެ ގިނަ ނުކޮށް ރަށަށް ޗުއްޓީ ނަގަމުން ދިޔައީ ، އޭރުގެ ރަށަށް ގުޅުމާ ދަތުރަކީ އުނދަގޫ ކަންކަން މި ޒަމާނަށް ބަލާއިރު ، އެ ޒަމާނަށް އެގޮތް ފަރުޖެއްސޭ ، އަޅުގަނޑުގެ އަންހެނުން ދެދަރިން ވިހެއުމުގެ ކަންނިމި ދިޔައިރުވެސް އަޅުގަނޑަށް ރަށަށް ފޯރީ ކަންނިމުނު ފަހުން، ﷲ އިރާދަފުޅާއެކު ކަން ނިމިދިޔައީ ރަނގަޅަށް ، އެހެންވެ މިކަމުގައި އާއިލާގެ ކެތްތެރިކަމާ ގުޅުން ފިސާރި ބޮޑު އެހީތެރިކަމަކާއެކީ ކާމިޔާބަކާަ ހަމަޔަށް މިއާދެވެނީ، ކުރަމައްޗަކީ އަބަދުވެސް ގެސްޓުން ގިނައިން އުޅޭ ރަށެއް ، އެގޮތުން ބަދިގެއަކީ އަބަދުވެސް ހިނގަހިނގާ ހުއްނަތަނެއް ، ރިސޯޓުގެ ހިތަކީ ބަދިގެ ، ހުއްޓުމެއްނައިސް ބަދިގެ ހުންނާނީ ހިނގަހިނގާ ، އެގޮތުން ބަދިގޭގައި ޒަމާންވަމުން މަގާމް ބަދަލުވަމުންގޮސް އެންމެއިސް ވެރިއަކާ ހަމައަށް ބަދިގޭގެ އަނެއްހެން ބުނަންޏާ އެގްޒެކެޓިވް ޝެފެއްގެ ބައި އަދާކުރަމުން ދިޔައީ ، ކުރިއެރުން ދިޔައީ ލިބެމުން ، އެއީ ހަމަހުރެފަކާ ލިބޭނެ އެއްޗެއް ނޫން.

ބުރަ މަސައްކަތްތަކެއް އާއިލާ އާއި ދުރުގައި ޤުރުބާނީތަކެއް ވެވިގެން ކުންފުނީގެ އިތުބާރާ ވެރިންގެ ލޯބިވެސް ހޯދެނީ ، އެއީ ޓުއަރިޒަމް ފެށިގެން އެކަން ރާއްޖޭގައި ހިނގަމުން އައި ގޮތް ، ޑިޕާރޓްމަންޓްތަކާ ، ޙައްޤުތަކާ ، ޤަވާއިދުތައް އެއީ މިއިންޑަސްޓްރީގައި ގިނަ ބައެއްގެ ޤުރުބާނީ ތަކަކާއެކު ލިބިފާވާ ކުރިއެރުންތަކެއް ، ވެރިފަރާތްތައްވެސް މިކަމުގައި ހިމެނިގެންދޭ .
އާއިލާގެ ކެތްތެރިކަންވެސް ވަރަށްބޮޑު ޙިއްސާއެއްވޭ ، މުޅި މަސައްކަތަކީ އާއިލާގެ ކެތްތެރިކަމާ ހިތްވަރޭ ބުނެވޭނީ .
އަޅުގަނޑާ އަންހެނުންނަށް ހަތަރު ކުދިން ލިބުނު، ކަންދިމާވިގޮތުން ދުނިޔޭގަތިބީ ތިންކުދިން، ދެފިރިހެނުންނާ އަންހެނެއް ، އަންހެނުންގެ ހިތްވަރާ އާއިލާގެ ގާތް ބަދަހިކަމުން މިއަދު މިހިސާބަށް މި އާދެވުނީ

ދ. މީދޫ އަކުއާ ސުވީޓު ރެސްޓޯރންޓުގެ ވެރިޔާ , ޝެފް އަބުދުއްރަހީމް އީސާ މަސަތްކަތް ތަރުތީބުކުރުމުގައި

މިއަދު އަމިއްލަރަށުގައި ދ. މީދޫގައި އަމިއްލަ ގެއެއްގައި އާއިލާ ދިރިއުޅެމުން ދާކަމީ އާއިލީ ގުޅުން ކުރެވުނު މަސތްކަތުގެ ނަތީޖާ ،
މިއަދު ރަށުގައި މިކުރާ މަސައްކަތަކީ ޒަމާނީ ފެންވަރުގެ ސަތޭކަ މީހުންގެ ޖާގައިގެ ރެސްޓޯރަންޓެއް ބޭކަރީއަކާ އެކު ހިންގުން.
އަދުރޭ ބުނިގޮތުގައި ވިޔަފާރި ފުޅާކޮށް ގެސްޓުން ގެންޅުމުގެ ވިސްނުމާއެކީ މަސައްކަތް ފަށައިގަތީ ، އަދި އެހިސާބަށް ނުދެވެނީ ، ވިސްނުން އެބަހުރި އިރާދަފުޅާއެކު އަދި އެދުވަސްވެސް ފެނިގެންދާނެ .

އެއް ކުންފުއްޏެއްގައި އެހާ ދުވަހު އުޅުމުގެ ނަތީޖާ ކިހިނެއްތޯ އަހާލުމުން އަދުރޭގެ ޖަވާބުގައި ހިނިތުން ވުމާ އެކު ބުނީ ރަނގަޅު ކަމުގައި ވަރަށް ރަނގަޅު ކަމުގައި. މި މަސައްކަތް ފެށުމުގަޔާއި އަދި ދަރިންގެ ބޭރުގެ ތަޢުލީމު ލިބުމުގަ ފަންސަވީހަކަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެވުނީ ކުރަމަތީގައި ކަމުން ވެރިފަރާތުން ޢަލީ ނޫރައްދީނުގެ އެހީތެރިކަމާ ގާތްކަން ވަރަށްބޮޑަށް ލިބިގެންދިޔަ ވާހަކަ ތަކުރާރުކޮށް ޢަބްދުއްރަޙީމް ފާހަގަކޮށްލިއެވެ.

ދ. މީދޫ އަކުއާ ސުވީޓު ރެސްޓޯރަންޓުން ހިންހަމަޖެހުންލިބޭ

ތިރީސް ފަސް އަހަރަށް ވުރެ ގިނަދުވަހު ބަދިގޭގައި ކެއްކުމުގަ އުޅުމަކީ މިއިންޑަސްޓްރީ އަށް ބަލާލިޔަސް ކުޑަކަމެއް ނޫން، އަގުހުރި ޚިދުމަތެކެވެ. ޓުއަރިޒަމް އަށް 50 އަހަރުވެގެން އެކިއެކި ހަފްލާތކުގެ އަޑު އިވޭކަމަށާއި, ޝެފުން އަށް އިނާމު ދިނުމުގެ ހަފުލާތައް ވެސް ގައުމީ ފެންވަރުގައި ނިމިގެން ދިޔައިރު ހަބަރެއް ނުވީތާ އެވެ؟ ޝެފް އަބްދުއްރަހީމުގެ ވާހަކަތަށް އަޑުއަހާލުމުން ހިތަށް ވަނީ ކައްކާ ވަޒީރަކަށް ރާއްޖޭގެ ކެއްކުމުގެ އަގުވަޒަން ކުރާން ވެސް ނޭންގުނީތާ އެވެ.

އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރި ހެނެއް ހިއެއްނުވެއެވެ. ދެހާސް ބާވީހުގައި މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ސިލްސިލާ އާޓިކަލްތަކެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.