Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

އެއާޕޯޓްތަކަށް ފައިސާ ހޯދަން އިތުރު ކުންފުނިތަކަކަށް

ފައިސާގެ ބަދަލުގައި ރިސޯޓު ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކުރީ ބުދަ ދުވަހު ކަމަށެވެ. އަދި އިއްޔެ އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑާ އެކީ ވެސް ސޮއިކޮށްފައިވާ ކަމަށް ބުންޏެވެ.

އަންގިރި ރިސޯޓްސް އަކީ މަޝްހޫރު ކުންފުނި ހެޕީ މާކެޓްގެ ވެރިޔާ މުހައްމަދު ނައީމުގެ ކުންފުންޏެކެވެ. ޕްލޭނިން މިނިސްޓްރީއާ އެކީ އިއްޔެ ކުންފުނޫގެ ފަރާތުން ސޮއިކުރެއްވީ ވެސް އައްޑޫ ފޭދު އަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އެވެ.

ފައިސާގެ ބަދަލުގައި ރިސޯޓު ހަދާނެ ރަށެއް ލިބޭ އުސޫލުގެ ތެރެއިން މިދިޔަ މަހުގެ 23ގައި ޕްލޭނިން މިނިސްޓްރީން ސަސް ޕްރައިވެޓް ލިމިޑެޓާ އެކީ ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ. އަދި އޮކްޓޯބަރު މަހު ވަނީ ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހަދާފައިވެ އެވެ.

މިއާ އެކީ ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް ފައިނޭންސް ހޯދުމަށް ހަތަރު ކުންފުންޏަކާ އެކީ މިހާރު ވަނީ އެއްބަސްވުން ހެދިފަ އެވެ.

ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރަން އެކަނި ހުށަހެޅޭ ގޮތަށެވެ.