Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސުޝާންތު މަރުވި ފަހުން ރިއާ އަށް އާ ލޯބިވެރިއެއް

މީގެ ދެ އަހަރު ކުރިން ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރަބަތީ އާ ލޯބިވެރިޔަކު ހޯދައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 30 އަހަރުގެ ބަތަލާ މިހާރު ރައްޓެވިގެން އުޅެނީ ބަންޓީ ސަޖޭ ކިޔާ ވިޔަފާވެރިއަކާ އެވެ. ބަންޓީއާ ކުރިން ބަތަލާ ސޮނާކްޝީ ސިންހާ ވެސް ރައްޓެހިވިކަމުގެ އަޑުތަކެއް އެރި އެވެ. ބަންޓީ އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެން ދަރުމާ ކޯންސްޓޯން އޭޖެންސީގެ ނަމުގައި މިދިޔަ އަހަރު ޓެލެންޓް މެނޭޖްމަންޓް އޭޖެންސީއެއް އުފެއްދި ވިޔަފާވެރިއެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި ރިއާ އާއި ބަންޓީ ޑޭޓްކުރާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ގައި ބަންޓީގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ވެސް ރިއާ ބައިވެރިވެ، ވަރަށް ފޯރި ނަގާފައިވެ އެވެ.

ސުޝާންތު ޖޫން 14، 2020 ގައި އަމިއްލަ އަށް ދަންޖެހިގެން މަރުވި އިރު، އޭނައާ ރިއާ ދުވަސްތަކެއް ވަންދެން އުޅުނީ "ލިވް-އިން ރިލޭޝަންޝިޕެއް" ގަ އެވެ. އަދި ސުޝާންތު މަރުވީ އޭނަ މުމްބާއީގައި އުޅެމުން އައި އެޕާޓްމަންޓުން ރިއާ ނުކުމެގެން އަމިއްލަ ގެއަށް ދިޔަތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އެހެންވެ ސުޝާންތު މަރުގެ ތުހުމަތު ރިއާގައި ބޮލުގައި ވަރަށް ބޮޑަށް އެޅުވި އެވެ. އަދި އެ މައްސަލާގައި އޭނަ ހައްޔަރުކޮށް، މަހެއްހާ ދުވަހު ޖަލުގައި ވެސް ބަންދުކުރި އެވެ. ރިއާ ފަހުން ދޫކުރީ ކަފާލާތުގެ ދަށުންނެވެ. ނަމަވެސް ސުޝާންތުގެ މަރާއި ރިއާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް މިހާތަނަށް ހިންގި އެއްވެސް ތަހުގީގަކުން ފާހަގަވެފައެއް ނެތެވެ.

ދެހާސް ތޭރައިގެ "މޭރޭ ޑޭޑް ކީ މަރޫޓީ" އިން ބޮލީވުޑަށް ނުކުތް ރިއާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ "ޗެހެރޭ" އިންނެވެ. އެ ފިލްމަކީ ރިއާ އަށް ދިމާވި މައްސަލަގަނޑުގެ ކުރިން މަސައްކަތް ނިންމާފައި އޮތް ފިލްމެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިއާ އަންނަނީ އަލުން ފިލްމީ މަސައްކަތްތައް ކުރަން ތައްޔާރުވަމުންނެވެ.