ހިތަދޫ ކުނި ކޮށި ބަލަހައްޓަމުން ދިޔަ ފަރާތާއި ދެމެދު ހަދާފައިވާ އެގްރިމެންޓް އެޕްރީލް 10 ވަނަ ދުވަހަށް މުއްދަތު ހަމަވެފައި ވަނިކޮށް އިއްލާން ކުރުމެއް ނެތި ކުރިންވެސް އެތަން ބެލެހެއްޓި ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ އަށް ދިން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ކުނި ކޮށީގެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހިތަދޫ، ގާބިޝް، މުހައްމަދު އިބްރާހިމް ބުނީ އިއުލާން ކުރުމެއް ނެތި ސަދަން މޯލްޑިވްސް އަށް ކުނި ކޮށި ބެލެހެއްޓުން އެއް އަހަރަށް ދީފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.
އެހެންވެ އެމައްސަލަ ކޯޓަށް ހުށަހަޅައި ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
މުހައްމަދު ބުނީ ކުނިކޮށީގެ މައްސަލަ އާއި ގުޅިގެން އެކަން ހިގާ ދިޔަ ގޮތް ހޯދުމަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން ޖަވާބު ދެއްވާފައިވަނީ، ކުނިކޮށި ބެލެހެއްޓުމަށް ސަދަން މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އަދި މިހާތަނަށް އެގްރިމެންޓްގެ ކަންކަން ނުނިމިވާތީ އެކަމާއި ގުޅޭ މައުލޫމާތު ދެވެން ނެތްކަމަށެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، ކުނިކޮށި ބެލެހެއްޓުމުގެ މުއްދަތު ހަމަވުމުން އިއްލާންކޮށްގެން އިތުރު ފަރާތެއް ހޯދަން މުއްދަތެއް ނަގާނެކަމަށެވެ. އަދި އެ މުއްދަތުގައި ކުނި ނެގޭނެ ގޮތެއް ކައުންސިލަކަށް ނެތް ކަމަށެވެ. އަދި އައްޑޫގެ ކުނި މެނޭޖް ކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނާތީ މިހާރުވެސް ކުނިކޮށި ބަލަހައްޓަމުންދާ ފަރާތަށް އިތުރު ޝަރުޠު ތަކަކާއި އެކު އެއް އަހަރަށް ދީފައިވާ ކަމަށެވެ.
އަދި މިހާރު އެތަން ބަލަހައްޓަމުންދާ ސަދަން މޯލްޑިވްސް ފިޔަވައި އެކަން ކުރެވޭނެ އިތުރު ބައެއް އައްޑޫގައި ނެތް ކަމަށެވެ.
ކުނިކުށި ބެލެހެއްޓުމަށް ސަދަން މޯލްޑިވްސް އާއި ކައުންސިލާއި އެކު މިހާރު ހެދިފައިވާ އެއްބަސް ވުމުގެ ދަށުން އާއްމު ތަންތަނުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް ސާފު ކުރަންޖެހެއެވެ.