Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ކޮރަޕްޝަން ހިންގާ ނަމަ އަވަހަށް ރިޕޯޓްކުރޭ

ކޮރަޕްޝަންގެ ޢަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި ކޮރަޕްޝަން ހުއްޓުވަން މުޅި މުޖްތަމަޢާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ތެދުވެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ ވަނީ ދުނިޔޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ހާމަކުރައްވައި، ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނަ ކަމަށާއި، އިޖްތިމާޢީ ގޮތުންނާއި އިގުތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަން ޖެހޭކަ ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި، މުޖްތަމަޢުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުން ކަމަށެވެ. އެގޮތުން ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމުގެ މުހިންމުކަން ބޮޑު ކަމަށް ޗެސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގުމަށް ވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާނެ އެވެ. އެހެންވެ ސަރުކާރާއިި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދު ވެސް އިރުޝާދު ދެމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާ ނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. އެހެންވެ ކޮންމެ މީހަކީ، އެމީ ހެއްގެ އަމިއްލަ ނުފްސުން ފެށިގެން، ޢާއިލާ އާއި މުޖްތަމަޢުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެ ނަމަ، ކޮރަޕްޝަންގެ ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.