ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލް މެޗުތައް މިރޭ ފަށާއިރު، ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ކްރޮއޭޝިއާ އެވެ.
ބްރެޒިލް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި ދެކުނު ކޮރެޔާ 4-1 އިން ބަލިކުރުމަށްފަހު އެވެ. ކްރޮއޭޝިއާ ކުއާޓާ އިން ޖާގަ ހޯދީ ދެވަނަ ބުރުގައި ޖަޕާނުގެ މައްޗަށް ޕެނަލްޓީގައި 3-1 އިން ކުރި ހޯދައިގެންނެނެވެ.
އެންމެފަހުން ބްރެޒިލުން ވާދަކުރި ހަތަރު ވޯލްޑް ކަޕްގެ ތެރެއިން މުބާރާތުގެ ސެމީފައިނަލަށް އެޓީމަށް ދަތުރުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަނަ އަހަރު ކަމަށްވާއިރު އެފަހަރުގެ މުބާރާތުގައި އެޓީމަށް ލިބުނީ ހަތަރުވަނަ އެވެ. މުބާރާތުގެ ދެވަނަ ބުރުގެ މެޗުގައި ބްރެޒިލްގެ ފަރާތުން ފެނިގެންދިޔައީ ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔަ ކުޅުމަށް ވުރެ މާ ބޮޑަށް ވެސް ތަފާތު ކުޅުމެކެވެ. އެގޮތުން އެ މެޗުގައި ބްރެޒިލްގެ އެޓޭކުގައި ހުރި ފެންވަރު މުޅި ދުނިޔެ އަށް ވަނީ ވަރަށް ރަނގަޅަށް ދައްކާލާފަ އެވެ. މިވަގުތު އިތުބާރާއެކު އޮތް ބްރެޒިލް އިން މިރޭ ވެސް އެފަދަ ކުޅުމެއް ތަކުރާރުކޮށްފިނަމަ ސެމީން ޖާގައެއް ހޯދުން އެއީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ކްރޮއޭޝިއާ އަށް މުބާރާތުގެ ކުއާޓާފައިނަލް ފަހަނައަޅާ ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކަމަށްވާއިރު އެ މުބާރާތުގައި އެޓީމުން ވަނީ ފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ. ވަރަށް ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ކްރޮއޭޝިއާ ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ފަސް ނޮކައުޓް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފާއި ހަމައަށް ގޮސްފަ އެވެ. އޭގެތެރެއިން ތިން މެޗުން ކްރޮއޭޝިއާ މޮޅުވީ ޕެނަލްޓީންނެވެ. އެންމެފަހުން ކުޅުނު 10 މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައި ނުވާއިރު މިރޭގެ މެޗަކީ މިފަހަރުގެ މުބާރާތުގައި އެޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާނެވެ.
ބްރެޒިލް
އެންމެފަހުން ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ބްރެޒިލް ބަލިވެފައެއް ނުވެ އެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބްރެޒިލް މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕްގައި ނޮކައުޓް ބުރުގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ބްރެޒިލް ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެންމެފަހުން ބްރެޒިލް އަށް ޔޫރަޕްގެ ޓީމެއް ބަލިކުރެވުނީ 2002 ވަނަ އަހަރު އެވެ. އެއީ އެ މުބާރާތުގެ ފައިނަލްގައި 2-0 އިން ޖަރުމަނު އަތުން ހޯދި މޮޅެވެ.
މިރޭގެ މެޗަށް ނިކުންނައިރު ބްރެޒިލްގައި އުޅެނީ އަނިޔާގެ އެންމެ މައްސަލައެކެވެ. އެއީ އެޓީމުގެ ފުލްބެކް އެލެކްސް ސަންޑްރޯ އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ އެވެ.
ކްރޮއޭޝިއާ
ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކްރޮއޭޝިއާ އިން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމެއްގެ އަތުން ކްރޮއޭޝިއާ އިން ހޯދި ހަމައެކަނި މޮޅު ހޯދީ އާޖެންޓީނާ އަތުންނެވެ. އެ މެޗު ކްރޮއޭޝިއާ އިން ކާމިޔާބުކުރީ 3-0 އިންނެވެ.
ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އެންމެފަހުން ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗެއްގައި އެންމެ ފުރަތަމަ ގޯލް ވަދެފައިވަނީ އެޓީމުގެ ކޮޅަށެވެ. އެ ހަ މެޗުގެ ތެރެއިން ކްރޮއޭޝިއާ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި 4-1 އިން ފްރާންސް އަތުން ބަލިވި މެޗެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ކްރޮއޭޝިއާ ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ބްރެޒިލް އާއި ކްރޮއޭޝިއާ ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އޭގެތެރެއިން ތިން މެޗުން މޮޅުވެފައިވަނީ ބްރެޒިލް ކަމަށްވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2018 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ބްރެޒިލުންނެވެ.
ބްރެޒިލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.