މި ސަރުކާރުން ހަވާލުވިފަހުން އައްޑޫގައި އެމްޓީސީސީން 7 މަޝްރޫޢެއް ނިންމާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އައްޑޫގައި މިވަގުތު ހިންގަމުންދާ ތަރައްޤީ މަޝްރޫޢުތަކުގެ ތެރެއިން، އެމްޓީސީސީން ހިންގާ މަޝްރޫޢުތައް ލަސްވާ ކަމަށް އާންމުންގެ މީހަކު ހިޔާލު ފާޅު ކުރުމުން، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އައްޑޫގައި މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހަވާލުވި ފަހުން އެމްޓީސީސީން 7 މަޝްރޫޢެއް ނިންމައި އިތުރު ދެ މަޝްރޫޢެއް ކުރިއަށް ގެންދާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި، އައްޑޫގައި މިހާތަނަށް މި ސަރުކާރުން 3 ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާފައިވެއެވެ. އާޒިމް އެ ވިދާޅުވީ ބެލެވޭ ގޮތުން މަރަދޫ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫޢުއާއި، މީދޫ ބަނދަރު މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން، ހުޅުދޫ އައު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށެވެ.
MTCC in Addu city ga Raees @ibusolih ge dhauruga 3 badharu, 1 magu, 3 shore protection ninmaifi. kuriyah dhanee 1 badharu, 1 shore protection. Hithadhoo badharu MTCC aai havaalu kuri fahun badhal gennan beynun vaathee ebadhal thah genes EIA hedhumuge mssaiaykaiy kuriyah dhanee.
— Adam Azim (@adamazim) December 8, 2022
މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 3 މަޝްރޫޢެއް ނިންމާފައިވާ ކަން އާޒިމް ހާމަކުރެއްވިއެވެ. މިއީ މީދޫ ގޮންޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކަމަށް ބެލެވެއެވެ. އެ މަޝްރޫޢު ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މަގު ހެދުމުގެ އެއް މަޝްރޫޢު އެމްޓީސީސީން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ފާހަގަ ކުރައްވާ މަގު ހެދުމުގެ މަޝްރޫޢުއަކީ ހުޅުދޫ-މީދޫ ބަހާއުއްދީން މަގު ތާރު އަޅައި ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ.
އެމްޓީސީސީގެ ފަރާތުން މިހާރުވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކާއި އިތުރު ބަނދަރު ހެދުމުގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން، މިވަގުތު ހިތަދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާއިރު، ހިތަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ކުރިއަށް އެބަ ގެންދެއެވެ.
އާޒިމް ވަނީ ހިތަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢުއާއި ހަވާލުވިފަހުން ކައުންސިލާއި ރައްޔިތުން ބޭނުންވެގެން ބަދަލުތަކެއް ގެންނަން ބޭނުންވާތީ އެ ބަދަލުތައް ގެނެސް އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި އައްޑޫ ތަރައްޤީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދެއްވާފެއެވެ. އެގޮތުން ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުން، އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މި ސަރުކާރުންވަނީ ބޮޑު މަސައްކަތެއް ފަށާފައެވެ. މިމަސައްކަތުގެ ދަށުން އައްޑޫގެ މަގުތައް ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމްކޮށް، އައްޑޫގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އަދި ކަނޑުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.