ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލް މެޗުތައް ފަށާފައިވާއިރު ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ނެދަލޭންޑްސް އެވެ.
އާޖެންޓީނާ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި އޮސްޓްރޭލިއާ 2-1 އިން ބަލިކުރުމަށްފަހު އެވެ. ނެދަލޭންޑްސް ކުއާޓާ އިން ޖާގަ ހޯދީ ދެވަނަ ބުރުގައި އެމެރިކާގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.
އެންމެފަހުން އާޖެންޓީނާ ވާދަކުރި ހަތަރު ވޯލްޑް ކަޕްގެ ތެރެއިން މުބާރާތުގެ ސެމީފައިނަލަށް އެޓީމަށް ދަތުރުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަނަ އަހަރު ކަމަށްވާއިރު އެފަހަރުގެ މުބާރާތުގައި އެޓީމުން ވަނީ ފައިނަލްގައި ކުޅެފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ހައިރާންކުރަނިވި ގޮތަކަށް އާޖެންޓީނާ ބަލިވި ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ އެޓީމުން ވަނީ ފެންވަރު ދައްކާލާފަ އެވެ. އިތުބާރާއެކު މިވަގުތު އާޖެންޓީނާ އޮތްއިރު އެޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެޕްޓަން ލިއޮނަލް މެސީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރުމެވެ. މެސީ ވަނީ މި މުބާރާތުގައި ތިން ގޯލް މިހާތަނަށް ކާމިޔާބުކޮށްފަ އެވެ.
ނެދަލޭންޑްސް އިން އެންމެފަހުން ވާދަކުރި ދެ ވޯލްޑް ކަޕްގައި ވެސް އެޓީމުން ވަނީ ކުއާޓާފައިނަލް ފަހަނައަޅާ ގޮސްފަ އެވެ. އެގޮތުން އެ ދެ މުބާރާތުގެ ތެރެއިން އެއް މުބާރާތުގެ ފައިނަލްގައި ނެދަލޭންޑްސް ކުޅުނުއިރު އަނެއް މުބާރާތުގެ ތިންވަނަ އެޓީމުން ވަނީ ހޯދާފަ އެވެ. އެންމެފަހުން ކުޅުނު 19 މެޗުން ވެސް ނެދަލޭންޑްސް ބަލިވެފައި ނުވާއިރު މި މުބާރާތުގައި އެޓީމު ފެނިގެންދަނީ ތަންކޮޅެއް ޑިފެންސިވް ސިސްޓަމަކަށް ކުޅެ ކައުންޓަ އެޓޭކުތަކުގައި އިދިކޮޅު ޓީމަށް ގެއްލުންދޭ ޓީމެއްގެ ގޮތުގަ އެވެެ. މިރޭގެ މެޗުގައި ވެސް ނެދަލޭންޑްސް ޓީމުން އެފަދަ ކުޅުމެއް ތަކުރާރު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
އާޖެންޓީނާ
ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި އާޖެންޓީނާ އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އާޖެންޓީނާ އަށް އެންމެފަހުން ކުއާޓާފައިނަލް މެޗަކުން މޮޅުވީ 2014 ވަނަ އަހަރު ބެލްޖިއަމް އަތުންނެވެ.
ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން އާޖެންޓީނާ ކެޓި 9 ފަހަރުވެސް އެޓީމު ބަލިވެފައިވަނީ މުޅިން ވެސް ޔޫރަޕްގެ ޓީމުތައް އަތުންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު އާޖެންޓީނާގެ އެންހެލް ޑިމަރިޔާ ވަނީ މި މެޗަށް ފިޓްވެފަ އެވެ.
ނެދަލޭންޑްސް
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު 9 މެޗުގެ ތެރެއިން ނެދަލޭންޑްސް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެ 9 މެޗުގެ ތެރެއިން ހަތަރު މެޗުން ނެދަލޭންޑްސް މޮޅުވެފައިވެ އެވެ.
އެންމެފަހުން ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ކުޅުނު ތިން މެޗުން ވެސް ނެދަލޭންޑްސް މޮޅުވެފައިވެ އެވެ. ނެދަލޭންޑްސް އެންމެފަހުން ކުއާޓާފައިނަލް މެޗަކުން ބަލިވީ 1994 ވަނަ އަހަރު ބްރެޒިލް އަތުންނެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ނެދަލޭންޑްސް ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
އާޖެންޓީނާ އާއި ނެދަލޭންޑްސް މީގެކުރިން 9 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އޭގެތެރެއިން ހަތަރު މެޗުން މޮޅުވީ ނެދަލޭންޑްސް އެވެ. ތިން މެޗުން އާޖެންޓީނާ މޮޅުވިއިރު މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލްގަ އެވެ. އެ ފަހަރު ޕެނަލްޓީގައި ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދީ އާޖެންޓީނާ އިންނެވެ.
އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.