Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ބްރެޒިލް ރޮއްވާލައި ކްރޮއޭޝިއާ ސެމީ އަށް

ޕެނަލްޓީގައި 4-2 އިން ބްރެޒިލް ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ އިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައިވާއިރު ބްރެޒިލުން ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މިއީ މުބާރާތުގެ ސެމީފައިނަލަށް ކްރޮއޭޝިއާ ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. އަދި މިއީ ކުއާޓާފައިނަލާ ހިސާބުން ބްރެޒިލް މުބާރާތުން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. ބްރެޒިލް އަށް އެންމެފަހުން މުބާރާތުގެ ކުއާޓާ ފަހަނައަޅާ ދެވުނީ 2014 ވަނަ އަހަރު އެވެ.

ސެމީގައި ކްރޮއޭޝިއާ ބައްދަލުކުރާނީ އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ބްރެޒިލްގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 90 މިނެޓްތެރޭ ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ލީޑު ނަގަން ބްރެޒިލް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ބްރެޒިލްގެ ނޭމާ ފޮނުވާލި ދެ ތިން ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވަކޮވިޗް ދިފާއުކުރިއިރު ކްރޮއޭޝިއާ އިން ވަނީ ކައުންޓަ އެޓޭކުތަކުގައި ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފަ އެވެ.

90 މިނެޓް ކުޅުނު އިރު ދެ ޓީމުވެސް އެއްވަރެއްގައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގައި ނޭމާގެ ގޯލުން ބްރެޒިލް ލީޑު ނެގިއިރު މި ގޯލް އޭނާ ކާމިޔާބުކުރީ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އެޓީމުގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މިި ގޯލާއެކު ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ހަދާފައިވާ ރެކޯޑާ ނޭމާ ވަނީ އަރާ ހަމަކޮށްފަ އެވެ. އެއީ 77 ގޯލެވެ.

މި ގޯލާއެކު ބްރެޒިލް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ފަހު ހަތަރު މިނެޓްގެ ތެރޭގައި ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ބްރެޒިލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލް ޕެޓްކޮވިޗް ކާމިޔާބުކުރިއިރު މިއީ މުޅި މެޗުގައި ވެސް ބްރެޒިލްގެ ގޯލާ އަމާޒުކޮށް ކްރޮއޭޝިއާ އިން ފޮނުވާލި ހަމައެކަނި ހަމަލާ އެވެ.

15 މިނެޓްގެ ދެ ހާފް ނިމުނުއިރު ވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ކްރޮއޭޝިއާގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު އެ ޕެނަލްޓީތައް ޖެހީ ނިކޮލާ ވްލަސިޗް އާއި ލޮވްރޯ މަޔާ އާއި ލޫކަ މޮޑްރިޗް އަދި މިސްލާވް އޯސިޗް އެވެ. ބްރެޒިލްގެ ޕެނަލްޓީތައް ކާމިޔާބުކުރީ ކަސެމީރޯ އާއި ޕެޑްރޯ އެވެ. ނާކާމިޔާބުވީ ރޮޑްރިގޯ އާއި މާކިނޯސް ފޮނުވާލި ޕެނަލްޓީ އެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ކްރޮއޭޝިއާ ޕެނަލްޓީ ޝޫޓްއައުޓެއްގައި ބަލިވެފައެއް ނުވެ އެވެ. މިއީ އެޓީމުން މޮޅުވި ހަތަރުވަނަ ޕެނަލްޓީ ޝޫޓްއައުޓެވެ.