ޕެނަލްޓީގައި 4-3 އިން ނެދަލޭންޑްސް ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.
މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވެސް އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ނެދަލޭންޑްސް އިން ޖެހި ދެ ޕެނަލްޓީއެއް އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.
މިއީ 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ ކްރޮއޭޝިޔާއާ އެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ 35 ވަނަ މިނެޓްގައި މޮލީނާ ވަނީ އާޖެންޓީނާ އަށް ލީޑު ނަގާދީފަ އެވެ. އެގޮތުން މޮލީނާ މި ގޯލް ކާމިޔާބުކުރީ ލިއޮނަލް މެސީ ދިން ރީތި ޕާހަކުން ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
އާޖެންޓީނާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލިއޮނަލް މެސީ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މި ޕެނަލްޓީ އާޖެންޓީނާ އަށް ލިބުނީ ނެދަލޭންޑްސްގެ ޕެނަލްޓިއޭރިއާ ތެރެއިން ޑެންޒެލް ޑަމްފްރީސް އާޖެންޓީނާގެ އަކުންޔާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އާޖެެންޓީނާގެ ދެ ގޯލުގެ ލީޑެއް ނެގުމާއެކު ނެދަލޭންޑްސް އިން ކުޅުން އަވަސްކުރިއިރު މެޗުގެ 83 ވަނަ މިނެޓްގައި ވޫޓް ވެގްހޯސްޓް ވަނީ ނެދަލޭންޑްސް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ވެގްހޯސްޓް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ނެދަލޭންޑްސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެ ދެ ހާފްގައި އާޖެންޓީނާ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން އެޓީމުގެ އެންޒޯ ފަނާންޑޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ. 15 މިނެޓްގެ ދެ ހާފް ކުޅުން ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ.
އެގޮތުން އާޖެންޓީނާގެ ލިއޮނަލް މެސީ، ލިއަންޑްރޯ ޕަރޭޑެސް އާއި ގޮންޒާލޯ މޮންޓިއެލް އަދި ލައުޓާރޯ މާޓިނޭޒް ޕެނަލްޓީތައް ކާމިޔާބު ކުރިއިރު އެޓީމުގެ އެންޒޯ ފަނާންޑޭޒް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑި އަށެވެ. ނެދަލޭންޑްސް އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ކުރެވުނީ ކޫޕްމެއިނާސް އާއި ވެގްހޯސްޓް އަދި ލޫކް ޑިޔޮންގް ފޮނުވާލި ޕެނަލްޓީ އެވެ. ވާޖިލް ވެންޑައިކް އަދި ސްޓެވެން ބާހިއުސް ފޮނުވާލި ޕެނަލްޓީތައް މަތަކުރީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް އެވެ.
ސެމީފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.