ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ ފްރާންސާއި ދެކޮޅަށް ކުޅޭ މެޗަކީ އިންގްލެންޑަށް މި މުބާރާތުގައި މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު އިމްތިހާނު ކަމަށް އެ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފި އެވެ.
އިންގްލެންޑް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި ސެނެގާލް 3-0 އިން ބަލިކުރުމަށްފަހު އެވެ. ފްރާންސް ކުއާޓާ އިން ޖާގަ ހޯދީ ޕޮލެންޑް 3-1 އިން ބަލިކޮށްގެންނެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސައުތްގޭޓް ބުނީ ފްރާންސަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށާއި އެއީ ހުނަރުން ފުރިގެންވާ ޓީމެއް ކަމަށެވެ. މިއީ އިންގްލެންޑަށް އޮތް ބޮޑު ޗެލެންޖެއްގެ އިތުރުން މުބާރާތުގައި ކުރިމަތިވާ އެންމެ ބޮޑު އިމްތިހާނު ކަމަށް ސައުތްގޭޓް ބުންޏެވެ.
"ވަރަށް ގާތުން ބަލައިފިނަމަ ފެންނާނެ ފްރާންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެން އެތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިން. މިއީ ބޮޑު ޗެލެންޖެއް." ސައުތްގޭޓް ބުންޏެވެ.
ފްރާންސް އާއި އިންގްލެންޑް މިރޭ ބައްދަލުކުރާއިރު މިވަގުތު އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިއަކީ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އެގޮތުން އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ފަސް ގޯލް ކާމިޔާބުކޮށްފަ އެވެ.
ސައުތްގޭޓް ބުނީ އެމްބާޕޭ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ވަނީ މީގެކުރިން ވެސް މި ފެންވަރުގެ އެހެން މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ. ނަމަވެސް އެމްބާޕޭގެ އިތުރުން އެންޓުއާން ގްރިޒްމަން އާއި އޮލިވިއޭ ޖިރޫޑް އަދި ފްރާންސްގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންނަކީ ވެސް މޮޅު ކުޅުންތެރިކަން އޭނާ ފާހަގަކުރި އެވެ.
އިންގްލެންޑް އާއި ފްރާންސް އެންމެފަހުން ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ މެޗު 3-2 އިން ކާމިޔާބުކުރީ ފްރާންސުންނެވެ.
އިންގްލެންްޑް އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.