Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

އިންގްލެންޑްގައި ބަލި އެންމެ ތަންކޮޅެއް ވެސް ނެތް

އިންގްލެންޑް ޓީމުގައި ބަލި އެންމެ ތަންކޮޅެއް ވެސް ނެތް ކަަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ އިންގްލެންޑް އާއި ފްރާންސް ބައްދަލުކުރާއިރު މިއީ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ދެ ޓީމެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ އިންގްލެންޑް ޓީމުގައި އެއްވެސް ބަލިފައެއް ނެތް ކަމަށާއި މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގައި ވެސް ހުރީ ވަރުގަދަ ކަންކަން ކަމަށެވެ. އަދި ފްރާންސުން މިރޭ ޖެހޭނީ ބައެއް ކަހަލަ ކުދިކުދި ބަދަލުތަކެއް ގެނެސްގެން އިންގްލެންޑްގެ ބަލިފައިތައް ދެނެގަންނަން ކަމަށްވެސް ޑެޝޯމްޕް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އެންމެންގެ ލޯތައް ވެސް އަމާޒުވެފައިވަނީ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ކަމަށްވާއިރު ޑެޝޯމްޕް ބުނީ ފްރާންސުން މީގެކުރިން ކުޅުނު ޓީމުތަކެކޭ އެއްގޮތަށް އިންގްލެންޑުން ވެސް އެމްބާޕޭއާ ދެކޮޅަށް ކުޅެން ތައްޔާރުވާނެކަން އެނގޭ ކަމަށާއި ނަމަވެސް އެމްބާޕޭ އަކީ އަބަދުވެސް ތަފާތު ދައްކާނެ ކުޅުންތެރިއެއް ކަމަށެވެ.

"އެންމެފަހުން ކުޅުނު މެޗުގައި އެމްބާޕޭ އެންމެ ރަނގަޅު ފޯމެއްގައި ނެތް ނަމަވެސް އޭނާ ތަފާތު ދެއްކި. އެމްބާޕޭ އަށް އެކަނި ބަރޯސާވާން ނުޖެހޭ ފަދަ ނުރައްކާތެރި އެހެން ކުޅުންތެރިން ވެސް ޓީމުގައި އެބަތިބި. އެކަމަކު އެމްބާޕޭ އަކީ އެކަނި ތަފާތު ދެއްކޭނެ ފެންވަރު ހުރި ކުޅުންތެރިއެއް." ކޯޗު ބުންޏެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީފައިނަލްގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި މޮރޮކޯ ކުޅޭ ކުއާޓާފައިނަލުން މޮޅުވާ ޓީމަކާ އެވެ.