އުއްމީދަކީ މިރޭގެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅުން ކަމަށް މޮރޮކޯގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ މޮރޮކޯ އާއި ޕޯޗުގަލް ބައްދަލުކުރާއިރު މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް އިން ސްވިޒަލޭންޑްގެ މައްޗަށް 6-1 އިން ކުރި ހޯދި މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރީ ބެންޗުންނެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން މޮރޮކޯގެ ކޯޗު ބުނީ ރޮނާލްޑޯ މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭނެކަން ނޭނގޭ ކަމަށާއި އުއްމީދަކީ ނުކުޅުން ކަމަށެވެ. ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ތާރީހުގައި އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމަށާއި އޭނާ މިރޭގެ މެޗުގައި ނުކުޅުމަކީ އުއްމީދެއް ކަމަށްވެސް ކޯޗު ބުންޏެވެ.
"އަހަރެން ވަރަށް އުފާވާނެ ރޮނާލްޑޯ މިރޭ ނުކުޅޭނަމަ." ރެގްރަގޫ ބުންޏެވެ.
ޕޯޗުގަލް އިން ވެސް ރަނގަޅު ނަތީޖާއެއް ހޯދައިގެން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރަން ބޭނުންވާނެ ކަމަށާއި އުއްމީދަކީ ސްޕެއިން އަތުން ލިބުނު ފަދަ ނަތީޖާއެއް މިރޭ ވެސް ތަކުރާރު ކުރުން ކަމަށް މޮރޮކޯގެ ކޯޗު ބުންޏެވެ. އަދި ސަޕޯޓަރުންގެ އެހީއާއެކު އެކަން މޮރޮކޯ އަށް ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގެ ސެމީފައިނަލަށް މޮރޮކޯ އަށް މިހާތަނަށް ދަތުރުކުރެވިފައި ނުވާއިރު ޕޯޗުގަލް އަށް އެންމެފަހުން ސެމީ އަށް ދެވުނީ 2006 ވަނަ އަހަރު އެވެ.
މޮރޮކޯ އާއި ޕޯޗުގަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.