Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ވެންހާލް އިސްތިއުފާ ދީފި

ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމުން ލުއިސް ވެންހާލް އިސްތިއުފާ ދީފި އެވެ.

ވެންހާލް ،71، ނެދަލޭންޑްސްގެ ކޯޗުކަމުން ވަކިވެފައިމިވަނީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި އާޖެންޓީނާ އަތުން ބަލިވެ މުބާރާތުން އެޓީމު ކަޓާފައިވާ ދަނޑިވަޅެއްގަ އެވެ. އާޖެންޓީނާ އަތުން ނެދަލޭންޑްސް ބަލިވީ ޕެނަލްޓީގައި 4-3 އިންނެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމާ ތިންވަނަ ފަހަރަށް ވެންހާލް ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވެންހާލް ބުނީ ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު އިތުރަށް ކުރިއަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށާއި ޓީމަށް ކޯޗުކަންކޮށްދިނީ ވަކި މުއްދަތަކަށް ކަމަށެވެ. ރޭގެ މެޗަކީ ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު އޭނާގެ ފަހު މެޗު ކަމަށް ވެންހާލް ބުންޏެވެ.

ވެންހާލްގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސް ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާއިރު އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ 20 މެޗުގައި ނެދަލޭންޑްސް އިން 51 ގޯލް ކާމިޔާބު ކުރިއިރު އެޓީމު ކޮޅަށް ވަދެފައިވަނީ 17 ގޯލެވެ.

ވެންހާލް ބުނީ އޭނާ ދޫކޮށްލާ ނެދަލޭންޑްސްގެ ގައުމީ ޓީމަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. އޭނާ ކޯޗުކޮށްދިން 20 މެޗުން އެޓީމު ބަލިވެފައި ނެތީ ސަބަބެއް އޮވެގެން ކަމަށްވެސް ވެންހާލް ބުންޏެވެ.