ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ރޭ ބައްދަލުކުރި މެޗުގެ ރެފްރީ އަށް އާޖެންޓީނާގެ ކުޅުންތެރިން ފާޑުކިޔުން އަމާޒުކޮށްފި އެވެ.
ޕެނަލްޓީގައި އާޖެންޓީނާ އިން ނެދަލޭންޑްސް ބަލިކުރި މެޗުގެ ރެފްރީކަން ކޮށްފައިވަނީ ސްޕެއިންގެ އެންޓޯނިއޯ މަޓެއު ލަހޯޒް އެވެ. ރޭގެ މެޗުގައި އޭނާ ވަނީ ޖުމްލަ 15 ކާޑު ދައްކައިފަ އެވެ. އޭގެ ތެރޭގައި ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސް އަށް ދެއްކި ރަތް ކާޑު ވެސް ހިމެނެ އެވެ.
ރޭގެ މެޗަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ކާޑު ފެނިގެން ދިޔަ މެޗެވެ.
🇦🇷❤️ Another game closer…
— FIFA World Cup (@FIFAWorldCup) December 9, 2022
ރޭގެ މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނީ ރެފްރީއާ ގުޅޭ ގޮތުން ހަގީގަތުގައި ބުނަން ބޭނުންވާ ވާހަކަތައް ބުނެފި ނަމަ ފީފާ އިން އޭނާ އަށް ފިޔަވަޅު އަޅާނެ ކަމަށާއި އެންމެންނަށް ވެސް ކަންކަން ވެގެން ދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. ފީފާ އިން މިފަދަ މުހިއްމު މެޗުތަކަށް މިފަދަ ރެފްރީން އެރުވުމާ މެދު ވިސްނަން ޖެހޭ ކަމަށާއި ރޭގެ މެޗުގެ ރެފްރީ އަކީ މިވަރުގެ މެޗެއްގެ ރެފްރީކަން ކުރެވޭ ފެންވަރުގެ މީހެއް ނޫން ކަމަށް މެސީ ބުންޏެވެ.
All of the emotions… pic.twitter.com/55zBVmMf9h
— FIFA World Cup (@FIFAWorldCup) December 9, 2022
މެސީގެ އިތުރުން ރޭގެ މެޗުގެ ރެފްރީ އަށް އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ވެސް ވަނީ ފާޑު ކިޔައިފަ އެވެ. މާޓިނޭޒް ބުނީ ރެފްރީ ދިޔައީ ހުރިހާ އެއްޗެއް ނެދަލޭންޑްސް ޓީމަށް ދެމުން ކަމަށާއި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 10 މިނެޓް ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އަހަރަމެންގެ ޕެނަލްޓީ އޭރިއާ ބޭނުން ދެތިން ފަހަރު ހިލޭޖެހުންތައް ރެފްރީ ދިން. އޭނާ ބޭނުންވީ އެމީހުން ލައްވާ ގޯލު ޖަހުވަން. އެއީ ވީ ގޮތަކީ." މާޓިނޭޒް ބުންޏެވެ.
މާޓީނޭޒް ބުނީ އުއްމީދަކީ މި ރެފްރީ ދެން އެހެން މެޗަކަށް ނޭރުވުން ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކަމުދާ ރެފްރީއެއް ނޫން ކަމަށެވެ.
މުބާރާތުގެ ސެމީފައިނަލްގައި އާޖެންޓީނާ ބައްދަލު ކުރާނީ ކްރޮއޭޝިޔާއާ އެވެ.