Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސަލްމާން އުޅެނީ ޕޫޖާއާ ރައްޓެހިވެގެން؟

ބައެއް ބަތަލާއިންނާ ލޯބީގެ ގުޅުންތަކެއް ބޭއްވި ބޮލީވުޑްގެ ތަރި ސަލްމާން ޚާނާއި ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ މިހާރު ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް އަރައިފި އެވެ.

އުމުރުން 32 އަހަރުގެ ޕޫޖާ އަކީ ސަލްމާން، 57، ގެ ކުރިއަށް އޮތް ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ އެވެ. ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ޕޫޖާ އަކީ މި މަހުގެ 23 ގައި ރިލީޒްކުރާ ރަންވީރު ސިންގްގެ "ސާކަސް" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.

އޭނަ އާއި ސަލްމާން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް އަރައި، ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ މިހާރު އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އަޑުތައް އަރާފައިވާ ސަލްމާންގެ ފިލްމު ކުންފުނީ އެސްކޭއެފްގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ އިތުރުން، އެ ސްޓޫޑިއޯގެ އިތުރު ދެ ފިލްމަކުން ވެސް ޕޫޖާ އަށް ފުރުސަތު ދީފައިވެ އެވެ.

ސަލްމާނާއި ޕޫޖާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. މި ފިލްމުގެ ޝޫޓިން މިދިޔަ މަހު ވަނީ ނިންމައިފަ އެވެ.

ސަލްމާނާއި ޕޫޖާގެ ގުޅުމުގެ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، ސަލްމާން ރައްޓެހިވި ބަތަލާއިންގެ ތެރޭގައި ކެޓްރީނާ ކައިފާއި އިޝްވާރިއާ ރާއީ އާއި ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީގެ އިތުރުން ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ ސޯމީ އަލީ ހިމެނެ އެވެ. މީގެ ތެރެއިން ސޯމީ ފިޔަވައި އެހެން ހުރިހާ ބަތަލާއިން މިހާރު ތިބީ ކައިވެނިކޮށްގެންނެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސޯމީ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނަ ސަލްމާނާ ރުޅިވީ، އަނިޔާކުރާތީ އެވެ. އަދި އެ އަނިޔާ އެތައް ދުވަހެއް ވަންދެން ތަހަމައްމަލު ވެސް ކުރި ކަމަށް ބުނެ ސަލްމާނަކީ ގޮތެއްފޮތެއް ނެތް އޫރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.