އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަށް އެމެރިކާގެ ތައުލީމީ މުއްސަސާއަކުން ދީފައި އޮތް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަނބުރާ އަތުލައިފި އެވެ.
ސްކޫލް އޮފް ދި އާޓް އިންސްޓިޓިއުޓް އޮފް ޝިކާގޯ (އެސްއޭއައިސީ) އިން 2015 ގައި ކަންޔޭ، 45، އަށް އެރުވި ޑޮކްޓަރޭޓްގެ ޝަރަފު އަތުލީ ދާދި ފަހުން އޭނަ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން ނަސްލީ ގޮތުން ބަޔަކާ ދިމާކޮށް، ފުރައްސާކުރުމުގެ ގޮތުން ކަންޔޭ ދެއްކި ވާހަކަތަކަކާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެެވެ.
މިކަމާ ހެދި އޭނައާ އެކީ ވިޔަފާރީގެ ޕާޓަނަޝިޕް ހަދާފައިވާ ވަރަށް ގިނަ ކުންފުނިތަކަކުން ވެސް ވަނީ ކަންޔޭއާ އެކީ ހަދާފައިވާ އެއްބަސްވުންތައް އުވާލާފައިވެ އެވެ. އޭގެ ތެރޭގައި ނައިކީ އާއި އެޑިޑާސް ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.
ކަންޔޭ އަށް ދީފައި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަތުލުމާ ގުޅޭ ގޮތުން އެސްއޭއައިސީ އިން ނެރުނު ބަޔާނެއްގައި ބުނީ ނަސްލީ ގޮތުން ބަޔަކާ އޭނަ ދިމާކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެފަދަ ޝަރަފެއް ކަންޔޭ އަށް ހައްގުވާ ކަމަށް މިހާރު ގަބޫނުކުރާތީ ޝަރަފު އަނބުރާ ނަގަން ނިންމީ ކަމަށް ބުންޏެވެ.
ކަންޔޭ އަށް އެސްއޭއައިސީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވީ ސަގާފަތާއި ފަންނުވެރިކަމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށެވެ. ކަންޔޭ އަކީ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި، ކިމް ކާޑޭޝިއަންގެ ކުރީގެ ފިރިމީހާ އެވެ.
ކަންޔޭ މިދިޔަ މަހު ވަނީ 2024 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ނިންމައިފަ އެވެ. ދެހާސް ވިހީގައި ބޭއްވި އިންތިހާބުގައި ވެސް އޭނަ އަމިއްލަ ގޮތުން ވާދަކުރި އެވެ.