ވެރިކަން ހޯދުމަށް ވުރެ ގައުމު ބަނގުރޫޓު ނުވެ އޮތުން މުހިއްމު ކަމަށް ދެކި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެކްސް ބޮޑުކުރައްވަން ނިންމެވުމުން ދުނިޔޭގެ ތައުރީފު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުގެ ވަފުދަކުން މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ރައީސާ ބައްދަލުކޮށް، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރަން އަޅަމުން އަންނަ ފިޔަވަޅުތަކަށް ތައުރީފުކޮށްފައިވާތީ އެކަމާ ގުޅުވައިގެން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައިވާ ރައިސަކަށް ކުރައްވަން އެންމެ އުނދަގޫ އެއް ކަމަކަށް ވާނީ ޓެކްސް ބޮޑުކުރެއްވުން ކަމަށެވެ.
ނަމަވެސް އެ ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި އެކަމަށް ދުނިޔެ މިހާރު ތައުރީފުކުރާ ކަމަށް ވިދާޅުވި އެވެ.
"ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައިވާ ރައިސަކަށް ކުރައްވަން އެންމެ އުނދަގޫ އެއް ކަމަކަށް ވާނީ ޓެކްސް ބޮޑުކުރެއްވުން. ވެރިކަން ހޯދުމަށްވުރެން ގައުމު ބަނގުރޫޓުނުވެ އޮތުން މުހިއްމު ކަމަށް ދެކި ރައިސް ސޯލިހު އެޅުއްވި ފިޔަވަޅުތަކަށް ދުނިޔޭގެ ތައުރީފު [މިހާރު އަންނަނީ ލިބެމުން]." އޭނާ ވިދާޅުވި އެވެ.
އަބަދު ވެސް ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާ މެމްބަރު ވިދާޅުވާ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހި، ބޮޑު ދަތި ކަމަކަށް ގައުމު ވެއްޓުނު ނަމަވެސް، ރާއްޖެ އަށް ކޮވިޑްގެ ދަތި ހާލަތުން އެހާ އަވަހަށް އަރައިގަނެވުނީ ރައީސް ސޯލިހުގެ ހަރުދަނާ އިގުތިސާދީ ސިޔާސަތުގެ ސަބަބުންނެވެ. އަދި ރާއްޖެ ނޫނީ މި ސަރަހައްދުގެ އެއްވެސް ގައުމަކަށް ކޮވިޑުން އެހާ އަވަހަށް އަރައި ނުގަނެވޭ ކަމަށާއި ރައީސް އެޅުއްވި ފިޔަވަޅުތަކަށް މުޅި ދުނިޔެ ވެސް ތައުރީފު ކުރައްވާ ކަމަށް ރޮޒޭ ވިދާޅުވެފައިވެ އެވެ.