Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އެންމެެ ދުވަސްވީ ކުއްތާ އަށް 22 އަހަރު

މީގެ ދުވަސްކޮޅެއް ކުރިން ދެކެވުނީ މިހާރު ދުނިޔޭގައި އޮތް އެންމެ ދުވަސްވީ ބުޅަލުގެ ވާހަކަ އެވެ. އެއަށް މިހާރު 27 އަހަރެވެ. މި ބުޅަލުގެ ވާހަކަ މާޒީ އަށް ދޫކޮށްލާފައި މިހާރު ދައްކަން އޮތީ އެންމެ ދުވަސްވީ ކުއްތާގެ ވާހަކަ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި އެމެރިކާގެ ލޮސް އެންޖެލިސްގައި އުޅޭ ޖީނޯ ވުލްފް ކިޔާ މި ކުއްތާ މިހާރު އެންމެ ދުވަސްވީ ކުއްތާގެ ރެކޯޑް ކަށަވަރުކޮށްފައިވާ އިރު، އެއަށް މިހާރު 22 އަހަރެވެ. މި ރެކޯޑް ޖީނޯ އަށް ލިބުނީ ކުރިން އެންމެ ދުވަސްވީ ކުއްތާގެ ރެކޯޑް އޮތް ޕެބެލްސް ކިޔާ ކުއްތާ 22 އަހަރާއި 187 ދުވަހުގައި މިދިޔަ އޮކްޓޯބަރު މަހު މަރުވުމުން، ރެކޯޑް ފަހުން ލިބުނު ޓޯބީ ކީތުގެ ރެކޯޑް ވެސް ފަހަތަށް ޖައްސައިލުމަށް ފަހު އެވެ. ޓޯބީ އަށް ވުރެ ޖީނޯ ތިން މަސް ދޮއްޓެވެ.

ރެކޯޑް ޖީނޯ އަށް ލިބުނު އިރު އުމުރަކީ 22 އަހަރާއި 76 ދުވަހެވެ. މި ކުއްތާ އަކީ އެލެކްސް ވުލްފް ކިޔާ މީހަކާއި އޭނަގެ ދެ އެކުވެރިޔަކު ކޮލަރާޑޯ ޔުނިވަސިޓީގައި 2002 ގައި ކިޔެވި ދުވަސްވަރު ކުއްތާއެއް އެޑޮޕްޓްކުރަން އުޅުމުގެ ތެރޭގައި ނަސީބަކުން ލައްވާލި އެއްޗެކެވެ. އޭގެ ފަހުން ޖީނޯ އުޅެމުން އައީ އެލެކްސްއާ އެކީގަ އެވެ. މިހާރު އޭނަ އަށް 40 އަހަރެވެ.

އެލެކްސް ބުނި ގޮތުގައި ޖީނޯ އަށް އުމުރުން ކިތަންމެ ދުވަހެއް ވިޔަސް، އަދިވެސް އޮތީ ވަރަށް ސިއްހަތު ރަނގަޅުކޮށެވެ. އެކަމަކު ފަހަކަށް އައިސް އޭގެ ކެއުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުންޏެވެ.

"ކުރިން ހަމަ އާންމުކޮށް އެކައްޗެއް ޖީނޯ ކާނީ. އެކަމަކު ފަހުން ފަހުން އައިސް އެކައްޗެއް ކާން ފޫހިވާކަން ފާހަގަކުރެވޭ. އެހެންވެ މިހާރު ކުރިން ނުދޭ އެއްޗެހި ކާން ދީ ހަދަން. އޭގެ ތެރޭގައި ފެނުކެއްކި ކުކުޅާއި ކެރޮޓް އަދި ބަތް ހިމެނޭ،" އެލެކްސް ބުންޏެވެ. "އަދި ޖީނޯ އަބަދު ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭނީ."

އޭނަ ސިފަކުރި ގޮތުގައި ޖީނޯ އަކީ ހަމައެކަނި އޮޅުކޮށްގެން ގެންގުޅޭ ޖަނަވަރާރެއް ނޫނެވެ.

"އެއީ ހަމަ އިންސާނެއް ފަދަ އެއްޗެއް. އަދި އަހަރެންގެ އާއިލާގެ ވަރަށް މުހިއްމު ބައިވެރިއެއް." އެލެކްސް ބުންޏެވެ.

މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެފައި ވަނީ 29 އަހަރާއި ފަސް މަހުގެ ކުއްތާއެކެވެ. ބްލޫއީ ކިޔާ އެ ކުއްތާ މަރުވީ 1939 ގަ އެވެ.