އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ތަފާތު ނުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ޚިތާބުގައެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ މިނިވަންކަމާއި ޢަދުލު އިންސާފާއި ސުލްހަވެރިކަން، މުޖްތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިހްތިރާމާއި ލޯތްބާއި އިންސާފާއެކު މުއާމަލާތު ކޮށްގެން ކަމަށެވެ. ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ އަސާސަކީ ހަމައެކަނި ހައްޤުތަކެއް ލިބުން ނޫން ކަމަށާއި، އަސާސީ ކޮންމެ ހައްޤަކާއެކު އުފުލަންޖެހޭ ޒިންމާތަކަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވާ ކަމަށެވެ.
"ދިރިހުރުމުގެ ޙައްޤު ލިބުމަށް އެދޭއިރު، އަނެކާގެ ފުރާނައަށް ގެއްލުމެއް ނުދިނުމުގެ ޒިންމާއެވެ. މުދަލާއި އާމްދަނީ ހޯދުމުގެ ޙައްޤަށް އެދޭއިރު، އަނެކާގެ މުދަލާއި ތަކެއްޗަށް ނުޙައްޤުން އަރައިނުގަތުމުގެ ޒިންމާއެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ހިތާބުގައި ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށެވެ.
އެގޮތުން އިންސާނީ އަސާސީ ހައްޤުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"ރަށްރަށުގައި ޤާއިމުނުކުރެވި ހުރި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ، އިންސާނީ އަސާސީ ޙައްޤުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ." ހިތާބުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ހައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މި އަހަރުގެ އިންސާނީ ހައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރަކީ "ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް"، މިއެވެ.