ޒުވާނުން މަސްވެރިކަމުގައި ގިނަވުމަކީ އެ ސިނާއަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ނިޒާރު މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެގޮތުން މޭޔަރު ވިދާޅުވީ އެންމެ ގިނަ މަސްވެރިން އުޅެފައިވާ ތަނަކީ އައްޑޫސިޓީ ކަމަށާއި، މަސްވެރިންވެސް އެންމެ ގިނަ ސަރަހައްދަކަށް ވާނީ އައްޑޫ ކަމަށެވެ.
އައްޑުއަކީ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު ހިއްސާއެއް އޮތްތަނެއްގެ ގޮތުގައި ދެކޭ ކަމަށާއި އައްޑޫގެ އާމްދަނީގެ ބޮޑު ހިއްސާއެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މަސްވެރިކަމުގެ ސިނާއަތަށް އަންނަ ޒަމާނީ ބަދަލާއެކު އެޔަށް ހުރިހާ މަސްވެރިންވެސް އަހުލުވެރިވާންޖެހޭ. އަދި އެއާއެކު ޒަމާނީ ޓެކްނޮލޮޖީއާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރުމުގެ އާދަ އަޅުގަނޑުމެން އެބަ ގެންނަންޖެހޭ." މޭޔަރު ނިޒާރު ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ ޒުވާނުން މަސްވެރިކަމުގެ ސިނާއަތުގައި ގިނަވުމަކީ އެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އައްޑޫގެ ވީހާވެސް ގިނަ ޒުވާނުން މަސްވެރިކަމާ ގުޅި އެ މަސައްކަތުގައި ޝާމިލުވުމަކީ ބޯޑު އެދުމެއް ކަމަށެވެ.
މިއަހަރު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ 42 ވަނަ މަސްވެރިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.