Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައިވަނީ އެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކޮށްފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށެވެ.

މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ. ފަރެސްމާތޮޑާގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް އާދީއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ އެވެ.

މިއަހަރު ރާއްޖޭގައި ފާހަގަ ކުރަނީ 42 ވަނަ މަސްވެރިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.