Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މަސްވެރިންގެ ދުވަހުގެ ހިތްހަމަޖެހުމެއް، އުފަލެއް ނުލިބޭ

މެންބަރު ހުސައިން ފިރުޝާން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިންގެ ދުވަހުގެ ހިތްހަމަޖެހުމެއް، އުފަލެއް ނުލިބޭ ކަމަށް ވިދާޅުވެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި މަސްވެރިންގެ ދަވަސް ފާހަގަ ކުރަމުން އަންނައިރު ޑރ. ހުސައިން ކުރެއްވި ޓްވީޓައް ރައްދު ދެއްވާ މެންބަރު ފިރުޝާން ވިދާޅުވީ މަސްވެރިން ކުރާ މަސައްކަތަށް ލުޔެއް ހޯދުމާއި، މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މިނިސްޓަރު ހުސައިން ފެއިލް ވެފައިވާ ކަމަށެވެ.

އޭގެ އެއް މިސާލަކީ ހޯޑެއްދޫގައި ހަދަމުން ގެންދާ މަސްފެކްޓްރީ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ދެކުނުގެ މަސްވެރިންނަށް ފަސޭހައެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރާނަމަ ހޯޑެއްދޫ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.

"އެމައްސަލަ ހައްލު ކުރުމުގައި މަނިކުފާނުވަނީ، ފަހަތަށް ޖެހިވަޑައިގެންފަ. އެ މައްސަލަ މަތީ އިށީންނަވައިގެން ތިން އިންނަވަނީ އަމިއްލަ މަސްލަހަތު އިސްކުރުމުގައި." މިނިސްޓަރު ހުސައިންއަށް ފާޑުވިދާޅުވެ ފިރުޝާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫއިން މަސްފެކްޓަރީ އަޅަން ދޫކޮށްފައިވާ ބިމުގެ އެގްރީމަންޓްގެ މައްސަލަ މެންބަރު ފިރުޝާން ވަނީ އެތައް ފަހަރަކު ރައްޔިތުންގެ މަޖިލީހުގައި ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލައިގައި މިނިސްޓަރު ހުސައިންއާވެސް މަޖިލީހުގައި ސުވާލުކޮށް އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށްވެސް ހުށަހަޅާފައިވެއެވެ.