Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗެއް ކަވަރުކުރަން ހުރި ނޫސްވެރިއަކު މަރުވެއްޖެ

ވޯލްޑް ކަޕް ކަވަރުކުރަން ގަތަރަށް ގޮސް ހުރި އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ގްރާންޓް ވާލް މަރުވެއްޖެ އެވެ.

ވާލް ،48، ރޭ މުބާރާތުގެ ކުއާޓާފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވަނީ ކުއްލި ގޮތަކަށް ވެއްޓިފ އެވެ. އެއާއެކު އެތަނުގައި އޭނާ އަށް ވަގުތުން ފަރުވާ ދީފައިވާއިރު ފަހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ވާލް މަރުވި ކަމަށް ބެލެވެނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު މިކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

މިދިޔަ ހޯމަ ދުވަހު ވާލް އޭނާގެ ވެބްސައިޓްގައި ލިޔެފައިވާ ލިޔުމެއްގައި ވަނީ ފާއިތުވި 10 ދުވަހު ވެސް އުޅުނީ ބަލިކޮށް ކަމަށާއި އަދި ދެވަނަ ބުރުގައި އެމެރިކާ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗު އޮތް ރޭ މެޔަށް އުނދަގޫވާކަމުގެ އިހުސާސް ވެސް ކުރެވުނު ކަމަށް ބުނެފަ އެވެ.

ގަވާއިދުން ކޮވިޑަށް ޓެސްޓު ކުރާކަން ހާމަކުރަމުން ވާލް ބުނީ ގަތަރުގެ މީޑިއާ ސެންޓަރުގައި ހުރި މެޑިކަލް ކްލިނިކަކަށް ދެއްކުމުން ފުއްޕާމޭގައި އިންފެކްޝަނެއް ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ވޯލްޑް ކަޕްގެ ތެރެއިން ވާލް އަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ރެއިންބޯ ޓީޝާޓެއް ލައިގެން ސްޓޭޑިއަމަށް ވަންނަން އުޅުމުންނެވެ. ނަމަވެސް ސެކިއުރިޓީން ވަނީ އޭނާ ސްޓޭޑިއަމަށް ވަނަނުދީ ހިފަހައްޓާފަ އެވެ.

އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމަށް ހިތްވަަރު ދިނުމަކީ ގަތަރުގެ ގާނޫނުތަކުން މަނާ ކަމެކެވެ.