ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލް މެޗުތައް ފަށާފައިވާއިރު ކުއާޓާގެ ތިންވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޕޯޗުގަލް އާއި މޮރޮކޯ އެވެ.
ޕޯޗުގަލް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި ސްވިޒަލޭންޑް 6-1 އިން ބަލިކުރުމަށްފަހު އެވެ. މޮރޮކޯ ކުއާޓާ އިން ޖާގަ ހޯދީ ދެވަނަ ބުރުގައި ވަރުގަދަ ސްޕެއިން ޕެނަލްޓީގައި ބަލިކުރުމަށްފަހު އެވެ.
އެންމެފަހުން ޕޯޗުގަލް އިން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް އެޓީމަށް މުބާރާތުގެ ސެމީފައިނަލާ ހިސާބަށް ދެވިފައެއް ނުވެ އެވެ. ޕޯޗުގަލް އަށް އެންމެފަހުން މުބާރާތުގެ ސެމީއާ ހިސާބަށް ދެވިފައިވަނީ 2006 ވަނަ އަހަރު އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ ފަރާތުން ތަންކޮޅެއް އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ބުރުގައި އެޓީމުން ވަނީ އަސްލު ފެންވަރު މުޅި ދުނިޔެ އަށް ދައްކާލާފަ އެވެ. ދެވަނަ ބުރުގެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރައިން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ދީފައި ނުވާއިރު އޭނާގެ ބަދަލުގައި ކުޅެން އެރި ޒުވާން ފޯވާޑް ގޮންސާލޯ ރާމޯސް ވަނީ ހެޓްރިކެއް ހަދާފަ އެވެ. މިރޭގެ މެޗުގެ ފުރަތަމަ އެގާރަ އިން ވެސް ރާމޯސް އަށް ޖާގަ ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ޕޯޗުގަލްއާ ދެކޮޅަށް ނިކުންނަ މޮރޮކޯ އަށް މިރޭގެ މެޗަކީ ހާއްސަ މެޗެކެވެ. އެގޮތުން މިއީ އެޓީމުން ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު މޮރޮކޯ އަކީ ވޯލްޑް ކަޕެއްގެ ކުއާޓާގައި ކުޅޭ ފުރަތަމަ އަރަބި ގައުމުވެސް މެ އެވެ. ޔޫރަޕްގެ ގަދަފަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ މޮރޮކޯ އިން ދެވަނަ ބުރުގައި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބައެއް ފަރާތްތަކުން ބަލަމުން އައި ސްޕެއިން ކަޓުވާލުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. މޮރޮކޯ އިން އަދި މިހާ ހިސާބުން މުބާރާތް ނިންމާލާކަށް ބޭނުމެއް ނުވެ އެވެ. މޮރޮކޯ މިރޭ ނިކުންނަނީ ޕޯޗުގަލް އަށް ވެސް ސިހުން ގެނުވައި ފުރަތަމަ ފަހަރަށް ސެމީފައިނަލުން ޖާގަ ހޯދުމުގެ އުއްމީދާއެކު އެވެ.
ޕޯޗުގަލް
މިއީ ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލްގައި ޕޯޗުގަލް އިން ކުޅޭ ތިންވަނަ މެޗެވެ. މީގެކުރިން ކުއާޓާފައިނަލްގައި ކުޅުނު ދެ މެޗުން ވެސް ޕޯޗުގަލް މޮޅުވެފައިވެ އެވެ.
ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެފްރިކާ އަދި ޔޫރަޕްގެ ޓީމުތަކާ ދެމެދު ޖުމްލަ 11 މެޗެއް މިހާތަނަށް ކުޅެފައިވެ އެވެ. އޭގެތެރެއިން 9 މެޗު ކާމިޔާބުކުރީ ޔޫރަޕްގެ ޓީމުތަކުންނެވެ. އަނެއް ދެ މެޗު ކާމިޔާބުކުރި އެފްރިކާގެ ދެ ޓީމަކީ ސެނެގާލް އާއި މޮރޮކޯ އެވެ.
ދެވަނަ ބުރުގެ މެޗެކޭ އެއްގޮތަށް މިރޭގެ މެޗުގައި ވެސް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ ގޮންސާލޯ ރާމޯސް އެވެ.
މޮރޮކޯ
އެފްރިކާގެ ޓީމަކަށް މީގެކުރިން ވޯލްޑް ކަޕެއްގެ ސެމީފައިނަލަށް ދަތުރުކުރެވިފައެއް ނުވެ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ކުއާޓާ އަށް ދަތުރުކުރި އެފްރިކާގެ ހަތަރުވަނަ ޓީމެވެ. އަނެއް ތިން ޓީމަކީ ކެމަރޫން، ސެނެގާލް އަދި ގާނާ އެވެ.
ވޯލްޑް ކަޕްގައި އެންމެފަހުން މޮރޮކޯ އިން ކުޅުނު ފަސް މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އެ ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮރޮކޯ މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި މެޗުގައި އަނިޔާގެ ސަބަބުން މޮރޮކޯގެ ދެ ޑިފެންޑަރުން ކަމަށްވާ ނައިފް އަގާޑް އާއި ނުސައިރް މަޒަރާއީ އަށް ނުކުޅެވެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ މޮރޮކޯ އާއި ޕޯޗުގަލް ބައްދަލުކުރާ ތިންވަނަ މެޗެވެ. މީގެކުރިން މި ދެ ޓީމު ބައްދަލުކުރި ދެ މެޗުވެސް އައިސްފައިވަނީ ވޯލްޑް ކަޕްގަ އެވެ. އޭގެތެރެއިން އެއް މެޗުން މޮރޮކޯ މޮޅުވިއިރު އަނެއް މެޗުން މޮޅުވީ ޕޯޗުގަލް އެވެ.
ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.