ފީފާ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް އިން ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ނުދޭން ނިންމައިފި އެވެ.
ރޮނާލްޑޯގެ ބަދަލުގައި މި މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ޒުވާން ފޯވާޑް ގޮންސާލޯ ރާމޯސް އަށެވެ. މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަންކަން ކުރާނީ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ އެވެ.
ޕޯޗުގަލް އިން މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ވެސް ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. އެ މެޗުން 6-1 އިން ޕޯޗުގަލް މޮޅުވިއިރު އެ މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދިން ރާމޯސް ވަނީ ހެޓްރިކެއް ހަދާފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ދެވަނަ ހާފްގައި ކުޅެން އަރާފަ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ އަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި މުބާރާތުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ ވެސް އެންމެ ގޯލެކެވެ.
ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.