Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ޕޯޗުގަލް ހަމަބިމަށް ތިރިކޮށް މޮރޮކޯ ސެމީ އަށް

ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް މޮރޮކޯ ދަތުރުކޮށްފި އެވެ.

މިއީ މޮރޮކޯގެ ތާރީހުގައި ވެސް އެޓީމުން ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެފްރިކާގެ ގައުމެއް މުބާރާތުގެ ސެމީ އިން ޖާގަ ހޯދި ފުރަތަމަ ފަހަރުވެސް މެ އެވެ. މިއީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލް މެޗަކުން ޕޯޗުގަލް ބަލިވި ފުރަތަމަ ފަހަރެވެ.

ސެމީގައި މޮރޮކޯ ބައްދަލުކުރާނީ ފްރާންސް އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗަށް ވެސް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. މި މެޗުގައި ވެސް ރޮނާލްޑޯގެ ބަދަލުގައި އެރުވީ އުމުރުން 21 އަހަރުގެ ގޮންސާލޯ ރާމޯސް އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މޮރޮކޯ އަށް ފުރަތަމަ ހާފް ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ ޔޫސުފް އެން ނެސޭރީ އެވެ. މި ގޯލް ނެސޭރީ ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރުވިއިރު ޕޯޗުގަލް އިން ދިޔައީ ކައިރިކައިރީގައި މޮރޮކޯގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ބްރޫނޯ ފަނާންޑޭސް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ރޮނާލްޑޯ އާއި ޖައޯ ފެލިކްސް ފޮނުވާލި ހަމަލާތައް ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯގެ ކީޕަރު ޔަސިން ބޯނޯ އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ މޮރޮކޯގެ ވާލިދް ޗެދީރާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކިއިރު އެޓީމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގެ ދެވަނަ ހާފްގައި ކުޅެން އެރި ޗެދީރާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޕޯޗުގަލްގެ ފެލިކްސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މުބާރާތުގެ ސެމީގައި މޮރޮކޯ ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.