Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ފުރަތަމަ 11 އިން ރޮނާލްޑޯއަށް ޖާގަ ނުދެވުމުން ދެރައެއް ނުވޭ

ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖާގަ ނުދެވުމުން ހިތާމަ ނުކުރާ ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް ވަނީ މުބާރާތުން ކަޓާފަ އެވެ. މިއީ ޕޯޗުގަލް ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ކެޓި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ރޮނާލްޑޯގެ ބަދަލުގައި ޖާގަ ދިނީ ޒުވާން ފޯވާޑް ގޮންސާލޯ ރާމޯސް އެވެ. މިއީ ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ޖެހިޖެހިގެން ޖާގަ ނުދިން ދެވަނަ މެޗެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސަންޓޯސް ބުނީ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ނުދެވުމުން އެކަމާ ހިތާމަ ނުކުރާ ކަމަށާއި ޕޯޗުގަލް އިން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ޓީމަށް އެންމެ ބޭނުންވި ވަގުތު ރޮނާލްޑޯ ކުޅެން އެރި ކަމަށް ސަންޓޯސް ބުންޏެވެ.

"ޓީމަށް އެންމެ ބޭނުންވި ވަގުތު ރޮނާލްޑޯ ކުޅެން އެރި. އެހެންވީމަ ހިތާމައެއް ނުކުރަން." ސަންޓޯސް ބުންޏެވެ.

ވޯލްޑް ކަޕުން ޕޯޗުގަލް ކެޓުމުން ސަންޓޯސްގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު އޭނާ ވަނީ ކުރިމަގާ މެދު ގޮތެއް ނިންމާނީ ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާގެ ރައީސްއާއެކު މާދަމާ ބާއްވާ މަޝްވަރާތަކަށްފަހު ކަމަށް ބުނެފަ އެވެ.

ޕޯޗުގަލް މުބާރާތުން ކަޓާފައިވާއިރު މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމަކީ ގާތް ކަމެކެވެ. މިފަހަރުގެ ވޯލްޑް ކަޕް ރޮނާލްޑޯ ނިންމާލީ އެންމެ ގޯލަކާއެކު އެވެ.