އިންގްލެންޑް 2-1 އިން ބަލިކުރުމަށް ފަހު ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކޮށްފި އެވެ.
މިއީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް މުބާރާތުގެ ސެމީއަށް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ.
ސެމީގައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާ އެވެ. މޮރޮކޯ ސެމީ އަށް ދަތުރުކުރީ ކުއާޓާފައިނަލްގައި ޕޯޗުގަލް ބަލިކުރުމަށްފަހު އެވެ.
ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޝުއަމީނީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ކާމިޔާބުކުރީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި ގޯލަށްފަހު އިންގްލެންޑުން ކުޅުން ރަނގަޅުކޮށް ފްރާންސްގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. އެގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދުރުން ފޮނުވާލި ހަމަލާއެއް ވެސް ލޮރިސް ދިފާއުކޮށްފައިވެ އެވެ.
ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އިންގްލެންޑަށް ލިބުނީ ބުކާޔޯ ސަކާ އަށް ފްރާންސްގެ ޝުއަމީނީ ކުރި ފައުލަކާ ގުޅިގެންނެވެ.
އިންގްލެންޑުން ނަތީޖާ އެއްވަރުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އަލުން ލީޑު ނަގަން ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އެވެ. އަދި އޭގެ ފަހުން އޮލިވިއޭ ޖިރޫޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ޕިކްފޯޑް ދިފާއުކޮށްފައިވެ އެވެ.
ފްރާންސުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓްގަ އެވެ. އެންޓުއާން ގްރިޒްމަން އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން މި ގޯލް ފްރާންސަށް ކާމިޔާބުކޮށްދިނީ ޖިރޫޑް އެވެ. މި ގޯލް ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ފްރާންސްގެ ތިއޯ ހަނާންޑޭޒް އިންގްލެންޑްގެ މޭސަން މައުންޓަށް ކުރި ފައުލަކާ ގުޅިގެން ވަނީ އިންގްލެންޑަށް ދެވަނަ ޕެނަަލްޓީއެއް ލިބިފަ އެވެ. ނަމަވެސް ކޭން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އިންގްލެންޑަށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ފްރާންސްގެ ޕެނަލްޓީއޭރިއާގެ ބޭރުން ހިލޭޖެހުމެއް ލިބުނު ނަމަވެސް މާކަސް ރަޝްފޯޑް ފޮނުވާލި ހިލޭޖެހުން ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ސެމީގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.