Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ދުނިޔޭގެ ފެވަރިޓުންނަކީ މިހާރު މޮރޮކޯ

މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެން ވެސް ލޯބިވާ ޓީމަކަށް މޮރޮކޯ ވެފައިވާ ކަމަށް އެޓީމުގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު މުބާރާތުގެ ސެމީފައިނަލުން މޮރޮކޯ ރޭ ވަނީ ޖާގަ ހޯދާފަ އެވެ. މިއީ މޮރޮކޯގެ ތާރީހުގައި ވޯލްޑް ކަޕްގެ ސެމީ އަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ އެފްރިކާގެ ޓީމެއް މުބާރާތުގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރުވެސް މެ އެވެ.

ރޭގެ މެޗަށް ފަހު މޮރޮކޯގެ ކޯޗު ބުނީ އެންމެ ހުނަރުވެރި ކުޅުންތެރިންނާއި އަދި ފައިސާ ނެތަސް ކާމިޔާބު ހޯދޭނެކަން މި ވޯލްޑް ކަޕްގައި މޮރޮކޯ އިން ސާބިތުކޮށްދެމުންދާ ކަމަށާއި ވޯލްޑް ކަޕްގައި އެންމެން ވެސް ލޯބިވާ ޓީމަކަށް މޮރޮކޯ މިހާރު ވެފައިވާ ކަމަށެވެ. އަދި މުޅި ދުނިޔެ ވެސް މިހާރު އޮތީ މޮރޮކޯއާއެކު ކަމަށް ގަބޫލުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

"އަހަރަމެން މޮރޮކޯގެ ރައްޔިތުންނާއި މުޅި އެފްރިކާ ބައްރު އުފާކޮށްދީ، ފަހުރުވެރިކޮށް ދީފިން." ކޯޗު ބުންޏެވެ.

މޮރޮކޯ އިން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފީފާ ރޭންކިންގެ ދެވަނައިގައި މިވަގުތު އޮތް ބެލްޖިއަމް ބަލިކުރިއިރު ދެވަނަ ބުރުގައި އެޓީމުން ވަނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ ސްޕެއިން ކަޓުވާލާފަ އެވެ. އަދި ޕޯޗުގަލްގެ މައްޗަށް މޮރޮކޯ އިން ރޭ ކުރި ހޯދިއިރު މި ތިން މެޗުގައި އެޓީމު ކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ.

މޮރޮކޯގެ ކޯޗު ބުނީ ރޭގެ މެޗުގައި އެންމެފަހުން ސްޕެއިނާއި ދެކޮޅަށް ދެއްކި ފަދަ ރަނގަޅު ކުޅުމެއް ޓީމަށް ނުދެއްކުނު ނަމަވެސް ކުޅުންތެރިން ދުވަހަކު ވެސް މީގެކުރިން މެޗެއްގައި ނުކުރާ ވަރަށް މަސައްކަތް ކުރި ކަމަށެވެ. ޕޯޗުގަލް އަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް ހިތްވަރާއެކީ މަސައްކަތްކޮށްފި ނަމަ އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ކޯޗު ބުންޏެވެ.

މުބާރާތުގެ ސެމީފައިނަލްގައި މޮރޮކޯ ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާ އެވެ.