ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ޕޯޗުގަލް ކެޓުމުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް އަށް ފާޑު ކިޔައިފި އެވެ.
މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، ރޭގެ މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ވެސް ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. ނަމަވެސް ރޭގެ މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ރޮނާލްޑޯ ކުޅެން އަރުވާފައިވެ އެވެ.
ޕޯޗުގަލްގެ ކޯޗަށް ފާޑުކިޔުން އަމާޒުކުރަމުން ރޮނާލްޑޯގެ ލޯބިވެރިޔާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ރޮނާލްޑޯގެ އެކުވެރިޔާ ރޭގެ މެޗުގައި ނިންމީ ގޯސް ނިންމުމެއް ކަމަށާއި އެއީ ރޮނާލްޑޯ އިންތިހާ އަށް އިހުތިރާމް ކުރާ އެކުވެރިއެއް ކަމަށެވެ.

ރޮނާލްޑޯ ކުޅެން އެރުވުމުން މެދު ބަދަލުވެގެންދިޔަ ގޮތް ފެނިގެންދިޔަ ކަމަށާއި ނަމަވެސް އޭރު އޮތީ މާ ލަސްވެފައި ކަމަށް ޖޯޖީނާ ބުނެފައިވެ އެވެ. ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އާދައިގެ ގޮތަކަށް ނަގައިގެން ނުވާނެ ކަމަށާއި ޓީމުގައި ހުރި އެންމެ ބާރުގަދަ ހަތިޔާރަކީ ރޮނާލްޑޯ ކަމަށްވެސް ބުނެފައިވެ އެވެ.
"ދިރިއުޅުމުގައި ފިލާވަޅުތައް ލިބިގެންދާނެ. މިއަދު އަހަރަމެން ބަލިއެއް ނުވޭ، މިކަމުން ދަސްވީ އިތުރު ކަންތައްތަކެއް." އޭނާ ބުނެފައިވެ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ވަނީ މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ނުދެވުމުން ހިތާމަ ނުކުރާ ކަމަށް ބުނެފަ އެވެ.
ޕޯޗުގަލް މުބާރާތުން ކަޓާފައިވާއިރު މިއީ އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމަކީ ގާތް ކަމެކެވެ. މިފަހަރުގެ ވޯލްޑް ކަޕް ރޮނާލްޑޯ ނިންމާލީ އެންމެ ގޯލަކާ އެކު އެވެ.