ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އިންގްލެންޑް ކެޓުމުގެ ޒިންމާ ނަގާ ކަމަށް އެޓީމުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.
މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އަތުން 2-1 އިން ބަލިވެ އިންގްލެންޑް މުބާރާތުން ކަޓާފައިވާއިރު ނަތީޖާ އެއްވަރުކޮށްލަން ރޭގެ މެޗުގެ 84 ވަނަ މިނެޓްގައި އިންގްލެންޑަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ނަމަވެސް ކޭން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ރޭގެ މެޗުގައި އިންގްލެންޑްގެ ހަމައެކަނި ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ކޭން އެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ކޭން ބުނީ ކޮންމެ މެޗެއްގައި ވެސް އެއް ޕެނަލްޓީ ނުވަތަ ދެ ޕެނަލްޓީ ޖަހަން އަބަދުވެސް ތައްޔާރުވާ ކަމަށާއި ފުރަތަމަ ޕެނަލްޓީއެކޭ އެއްގޮތަށް ދެވަނަ ޕެނަލްޓީ ވެސް ޖެހީ އިތުބާރާއެކު ކަމަށެވެ. ނަމަވެސް ޕެނަލްޓީ ފޮނުވާލެވުނު ގޮތް ގޯހީ ކަމަށާއި އެއީ އޭނާ އަށް ހެދުނު ގޯހެއް ކަމަށް ކޭން ބުންޏެވެ.
"އަހަރެންނަކީ ޓީމުގެ ކެޕްޓަން އަދި ލީޑަރު. މިފަދަ ކަންކަމުގައި ޖެހޭނެ ޒިންމާ ނަގަން، އެގޮތުން މިއަދު އެކަމުގެ ޒިންމާ އަހަރެން ނަގަން." ކޭން ބުންޏެވެ.
ކޭން ބުނީ މުބާރާތުން ކެޓި ގޮތާއި މެދު ހިތާމަކުރާ ކަމަށާއި ނަމަވެސް ޖުމްލަކޮށް ބަލާއިރު މި ވޯލްޑް ކަޕަކީ އިންގްލެންޑަށް ޕޮޒިޓިވްކޮށް ދިޔަ މުބާރާތެއް ކަމަށެވެ. އެގޮތުން މުބާރާތުގައި ޓީމުން ދެއްކީ ޝައުގުވެރި ކުޅުމެއް ކަމަށާއި އިންގްލެންޑް ޓީމުގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށްވެސް އޭނާ ބުންޏެވެ.
މިއީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން އިންގްލެންޑް ބަލިވި ހަތްވަނަ ފަހަރެވެ. އިންގްލެންޑަކީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން އެންމެ ގިނައިން ބަލިވި ޓީމުވެސް މެ އެވެ.