ވޯލްޑް ކަޕްގެ މެޗުތައް ދެން ނުބަލާނެ ކަމަށް ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފި އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި އާޖެންޓީނާ އަތުން ޕެނަލްޓީގައި 4-3 އިން ބަލިވެ ނެދަލޭންޑްސް ވަނީ މުބާރާތުން ކަޓާފަ އެވެ. މިއީ 2006 ވަނަ އަހަރަށްފަހު މުބާރާތުގެ ސެމީފައިނަލަށް ނުގޮސް ނެދަލޭންޑްސް ކެޓި ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަދި ލިއޮނަލް މެސީ އަށް ކާމިޔާބު ކުރެވިދާނެތޯ ސުވާލުކުރުމުން ވެންޑައިކް ބުނީ އެއީ އޭނާ އަށް މުހިއްމު ކަމެއް ނޫން ކަމަށާއި ވޯލްޑް ކަޕްގެ މެޗުތައް ދެން ނުބަލާނެ ކަމަށެވެ.
"އެއީ އަހަންނަކަށް މުހިއްމު ކަމެއް ނޫން. ވޯލްޑް ކަޕް އިތުރަކަށް ދެން ނުބަލާނަން." ވެންޑައިކް ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު ވެންޑައިކް ކުޅުނު ފުރަތަމަ ބޮޑު މުބާރާތެވެ.
ނެދަލޭންޑްސް ކަޓުވާލުމަށްފަހު ސެމީން އާޖެންޓީނާ ޖާގަ ހޯދިއިރު މިއީ 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ސެމީފައިނަލަށް އާޖެންޓީނާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ މުބާރާތުގެ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިޔާއާ އެވެ. ކްރޮއޭޝިއާ ސެމީން ޖާގަ ހޯދީ ބްރެޒިލް ކަޓުވާލުމަށްފަހު އެވެ.