Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ ފިލްމެއްގެ ދެވަނަ ބައި ކަންގަނާ އަށް

މީގެ 17 އަހަރު ކުރިން ރިލީޒްކުރި ރަޖްނީކާންތުގެ ފިލްމު "ޗަންދުރަމުކީ" ގެ ދެވަނަ ބަޔަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ސޮއިކޮށްފި އެވެ.

އެ ފިލްމު ޕްރޮޑިއުސްކުރާ ލައިކާ ޕްރޮޑަކްޝަނުން މިހާރު ވަނީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ފިލްމަށް ސޮއިކޮށްފައިވާކަން ރަސްމީކޮށް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ ވެސް އެކީ އިއުލާންކޮށްފަ އެވެ. މިއާ އެކީ "ޗަންދުރަމުކީ 2" ވާނީ މިދިޔަ އަހަރުގެ "ތަލައިވީ" އަށް ފަހު، ކަންގަނާ މަސައްކަތްކުރާ ދެކުނު ފިލްމު އިންޑަސްޓްރީގެ ދެވަނަ ފިލްމަށެވެ.

ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި 2005 ގައި ގެނެސްދިން "ޗަންދުރަމުކީ" ގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ ފުރަތަމަ ބައި ލިޔެ، ޑައިރެކްޓްކުރި ޕީ ވަސޫ އެވެ. އަދި "ޗަންދުރަމުކީ 2" ގެ ކާސްޓްގައި ކަންގަނާއާ އެކީ ރަގަވާ ލޯރެންސް ވެސް ހިމެނެ އެވެ. އެތައް ފިލްމެއް ކުޅެފައިވާ ރަގަވާ އަކީ އަކްޝޭ ކުމާރުގެ 2020 ގެ "ލަކްޝްމީ" ގެ ޑައިރެކްޓަރެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ޗަންދުރަމުކީ2 " ގެ މަސައްކަތް ވަނީ މި މަހުގެ 5 ގައި ފަށައިފަ އެވެ. ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޭޖާސް" އާއި "އިމަޖެންސީ" އަދި "ސީތާ: ދި އިންކާނޭޝަން" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެންމެ ބޮޑެތި ފްލޮޕްތަކުގެ ތެރޭގައި ހިމެނޭ "ދާކަޅް"
އެވެ.

ރަޖްނީކާންތު ޑޮކްޓަރެއްގެ ރޯލު ކުޅުނު "ޗަންދުރަމުކީ" އަކީ ޒަމާންވީ ބޮޑު ހަވޭލީއެއްގައި އުޅޭ ބޮޑު އާއިލާއެއްގެ އަންހެނަކަށް ޖިންނި އަވަލައިގެން ދިމާވާ ހާދިސާތަކެއް ކިޔައިދިން ފިލްމެކެވެ. މީގެ ކާސްޓްގައި ޖިއޯތިކާ އާއި ޕްރަބޫ ވެސް ހިމެނެ އެވެ. އަކްޝޭ އާއި ވިދިޔާ ބާލަންގެ 2007 ގެ "ބޫލް ބުލައްޔާ" އަކީ މި ފިލްމުގެ ޕްލޮޓަށް ބިނާކޮށް ހެދި ފިލްމެކެވެ.

"ޗަންދުރަމުކީ" ހެދީ 1993 ފެ މަލަޔާޅަމް ފިލްމު "މަނިޗިތުރަތަޒޫ" އަށް ބިނާކޮށެވެ.