އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ އަކީ އަބަދު ވެސް ވަރަށް ސްޓަލައިޝް ބޭފުޅެކެވެ. އޮބާމާގެ ވެރިކަމުގެ ދެ ދައުރުގައި ވެސް ފަސްޓްލޭޑީ ފާހަގަކުރެވުނީ ވަރަށް ޒަމާނީ ފާޑުވެރިކަމަށް ހެދުން އެޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
މިހާރު އޭގެ އަހަރުތަކެއް ފަހެވެ. އެކަމަކު އުމުރުން މިހާރު 58 އަހަރުގެ މިޝެލް މިހާރު ފެންނަނީ މާ ޒަމާނީކޮށް، މާ ފެޝަންކޮށެވެ. ދެ އަންހެން ކުދިން ތިބި މިޝެލް މިހާރު ފާހަގަކުރެވުނީ ކުރިއަށް ވުރެ މާ ބޮޑަށް ސްޓައިލިޝް ބޭފުޅެއްގަ އެވެ.
"ދަ ލައިޓް ވީ ކެރީ" ގެ ނަމުގައި މިދިޔަ މަހުގެ 15 ގައި މިޝެލް ނެރުއްވި އަމިއްލަ ފޮތް ޕްރޮމޯޓްކުރައްވަން އެކަމަނާ މިހާރު އުޅުއްވަނީ ޓުއާއެއްގަ އެވެ.
އެގޮތުން އެމެރިކާގެ ސިޓީތަކަށް ދަތުރު ކުރައްވަމުން ގެންދަވާ އިރު، ފޮތާ ގުޅޭ ގޮތުން ބާއްވާ ކޮންމެ އިވެންޓަކުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ މިޝޭލްގެ ފެޝަނަށެވެ. ހަމައެކަނި އަޅުއްވާ ހެދުން އެކަންޏެވެ. ބޮލ8ުގެ އިސްތަށިގަނޑަށް ވެސް މިހާރު ފާޑުފާޑުގެ ގޮތްގޮތް ހެދުމަކީ މިޝެލްގެ އާދައެކެވެ.
އެކަމަނާގެ ސްޓައިލިސްޓަކީ މެރެޑިތު ކޫޕެވެ. މިޝެލްގެ ސްޓައިލިސްޓެއްގެ ގޮތުގައި އޭނަ މަސައްކަތްކުރާތާ މިހާރު އެތައް ދުވަހެކެވެ. އަދި މިޝެލްގެ ކޮންމެ ލުކެއް މެރެޑިތު އަންނަނީ އިންސްޓަގްރާމްގައި ޑޮކިއުމަންޓްކުރަމުންނެވެ.