ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ސީރީޒް "ހީރާމަންޑީ" ގެ ރޯލަކަށް ޖެކީ ޝްރޮފް ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ޖެކީ، 65، މީގެ ކުރިން ވެސް ބަންސާލީއާ އެކީ މަސައްކަތްކޮށްފައިވާ ކަމެވެ. އެގޮތުން ޝާހްރުކް ޚާނާއި އައިޝްވާރިއާ ރާއީގެ އިތުރުން މަދޫރީ ޑިކްސިޓް ލީޑް ރޯލު ކުޅުނު 2002 ގެ ކާމިޔާބު "ދޭވްދާސް'" ގެ ސަޕޯޓިން ރޯލެއް ޖެކީ ކުޅެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު "ހީރާމަންޑީ" އިއުލާންކުރި ނަމަވެސް މީގެ ކާސްޓް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްއެއް ނުވެ އެވެ. ބަންސާލީ ބުނެފައިވާ ގޮތުގައި މި ސީރީޒްގެ ކާސްޓް ވާނީ ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. އަޑުއަތައް އަރާފައިވާ ގޮތުން 7 އެޕިސޯޑަށް ހަދާ "ހީރާމަންޑީ" ގެ ކާސްޓްގައި ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، ހުމާ ގްރޭޝީ، އަދިތީ ރާއޯ ހައިދަރީ، ރޭކާ، ފަރުދީން ޚާނާއި އޭނަގެ މައިދައިތަ ކުރީގެ ބަތަލާ މުމްތާޒްގެ އިތުރުން ފަރީދާ ޖަލާލު ފަދަ ތަރިން ހިމެނެ އެވެ.
މީގެ ޝޫޓިން މި އަހަރުގެ އެޕްރީލުން ފެށިގެން ކުރިއަށް ދިޔަ ނަމަވެސް ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ. "ހީރާމަންޑީ" ގެ ފުރަތަމަ އެޕިސޯޑް ފިޔަވައި މީގެ އެހެން އެޕިސޯޑްތަކުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ޑިޒްނީ ޕްލަަސް ހޮޓްސްޓާގެ ސީރީޒް "އެމްޕަޔާ" ގެ ޑައިރެކްޓަރު މިތަކްޝަރާ ކުމާރާ އެވެ.
"ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.