"ޓޫނާ ޕާސްތާ ސޯސް" ދަޅު ހޮރައިޒުން ފިޝަރީޒް އިން ނެރެފި އެވެ.
އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން ގދ. ފަރެސްމާތޮޑާގައި އެ އުފެއްދުން ނެރެދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދެވެ.
ހޮރައިޒުން ބުނީ "ޓޫނާ ޕާސްތާ" ސޯސް މާކެޓަށް ނެރުނީ ޕާސްތާ އަކީ މަގުބޫލު ކެއުމަކަށްވާތީ ރެސްޓޯރަންޓުތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު މީރު ޓޫނާ ޕާސްތާ ސޯހެއްގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ މިއަށް ބޮޑު ޑިމާންޑެއް އޮންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"ޓޫނާ ޕާސްތާ ސޯސް" ދަޅު ހޮރައިޒުން ނެރުނީ އެ އުފެއްދަށް އަހަރު ދުވަހުގެ މަސައްކަތްތަކާއި ވަރަށް ގިނަ ޓެސްޓްތަކަށް ފަހު އެވެ. އަދި މި ސޯހަކީ ސިއްހަތަށް ފައިދާ ހުރި ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ބުންޏެވެ. އެގޮތުން މިއީ އެއްވެސް ޕްރިޒަވަޓިވްއެއް ނުހިމެނޭ، ތާޒާ ކަނޑުމަހައި ޓޮމާޓޯ ސޯސް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ސޯސްއެކެވެ.