Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ރައީސް ފަރެސްމާތޮޑާ އަށް ފުރާވަޑައިގެން

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގދ. ފަރެސްމާތޮޑާގައި ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެ ރަށަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުގައި މި އަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިއަށް ގެންދާ އެކިއެކި ޙަރަކާތްތައް ބައްލަވައިލައްވާނެ އެވެ. އެގޮތުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ފިޝަރީޒް އެކްސްޕޯ އަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް އެ މަނިކުފާނު ޝަރަފުވެރިކޮށް ދެއްވާނެ އެވެ.

މީގެ އިތުރުން މިއަދު ރައީސް ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި މަސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށް ދެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 އެވެ.