Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ދައުރުވާ ފޮޓޯއާ ބެހޭ ގޮތުން ނަހުލާގެ ބަހެއް ނެތް!

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިލޭ ފިރިހެނަކާ އެކީ ބޭރު ގައުމެއްގައި ނަގާފައިވާ ކަމަށް ބުނާ ގައިގޯޅި ފޮޓޯއެއް ދައުރުވެ، އެ ވާހަކަ ބައެއް މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން މިނިސްޓަރު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެެ.

އެ ފޮޓޯގައި މިނިސްޓަރު ނަހުލާ ކަމަށް ބުނާ މީހާ އިންނަނީ ބުރުގާ ވެސް ނާޅައި ހުދު ކުލައިގެ ސްވިޓަރަކާއި ޖީންސެއް ލައިގެންނެނެވެ. ފޮޓޯގައި ފެންނަނީ ޒުވާން ފިރިހެނަކާ އެކީ ސެލްފީއެއް ނަންގަވާ ތަނެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފޮޓޯ އިން ފެންނަ ފިރިހެން މީހާ އަކީ މިނިސްޓަރު ނަހުލާ ލޯބީގެ ގުޅުމެއް ބާއްވަވާ މުހައްމަދު ހަމްދާން ކިޔާ މީހެކެވެ.

ހަ ކުދިން ތިބި ނަހުލާ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހުމްގެ އަންބެކެވެ.

މީޑިއާތަކުން ބުނީ ނަހުލާ އާއި ހަމްދާންގެ ސެލްފީ އަކީ މިދިޔަ އޮކްޓޯބަރު މަހު ކެނެޑާގެ މޮންޓްރިއޭލްގައި ބޭއްވި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ 41 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކެނެޑާއަށް ކުރެއްވި ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، ބައެއް މީހުން ވަނީ އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށް ބުނެފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން މިނިސްޓަރު އެއްޗެއް ވިދާޅު ނުވާތީ އެކަމާ ބައެއް ސުވާލު އުފައްދާފައިވެ އެވެ.

ނަހުލާ އަކީ އޭނައާ ބެހޭ ގޮތުން ދެކެވޭ ބައެއް ވާހަކަތަކަށް ޓްވިޓާގައި ރައްދު ދެއްވާ ބޭފުޅެކެވެ. އެގޮތުން ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިމާޒް އަލީ އަށް ބަޔަކު ދިން ހަމަލާއާ މިނިސްޓަރާ ގުޅުވުމުން ކުރެއްވި ޓްވީޓެއްގައި އެއީ އަބުރު ކަތިލުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.