Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

"ވަން ޗައިނާ ޕްރިންސިޕަލް" ދަމަހައްޓާނެކަމުގެ ޔަގީންކަން ދީފި

ފޮޓޯ: ރައީސް އޮފީސް

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން، ނައިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހާއްސަކޮށް ސިއްހީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަމަށް މައުލޫމާތުދީފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ މިއަހަރަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރޭ މުނާސަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވައި، "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަލާމަތާ ސުލްހަމަސަލަސްކަންފަދަ ކަންކަމުގައި ރާއްޖެއާ ޗައިނާއިން ވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ތައުލީމީ ދާއިރާއިންނާއި އުމްރާނީ ތަރައްޤީގެ ދާއިރާ އަދި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުތަކުގެ ގޮތުގައި ރާއްޖެއަށް ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.