Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފަރެސްމާތޮޑާ އިން ރައީސަށް 7 ކަމެއް

ގދ. ފަރެސްމާތޮޑާގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ މުހިއްމު ހަތް ކަމެއް އެ ރަށު ކައުންސިލުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކޮށްފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ފަރެސްމާތޮޑާ އަށް ރައީސް ވަޑައިގެންނެވީ ހެނދުނު އެވެ. އެގޮތުން އެ ރަށު ކައުންސިލާ އެކީ ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ މި މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްގީ އަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ވެސް ފާގަކޮށްފަ އެވެ.

އެގޮތުން ކައުންސިލުން ވަނީ ކައުންސިލުން އެންމެ އިސްކަންދޭ ހަތް ކަމެއް ރައީސަށް ހުށަހަޅާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި ކައުންސިލުން ވަނީ، ފަރެސްމާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގު ހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމާއި، ރަށުގައި ބޭންކިންގެ ޚިދުމަތް ޤާއިމްކުރަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

ބައްދަލުވުމުގައި ރައީސް ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ މަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރެވޭ ސަރަހައްދު ކަމަށެވެ. އެހެންވެ ސަރުކާރުން ސައްކަތްކުރަނީ ރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އާ އެކު ކުރިޔަށް ދިޔުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޮތުގައި ކައުންސިލުންނާއި ފަރެސްމާތޮޑާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަޝްވަރާކުރައްވައި އެ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ އެވެ.