Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަޖޭގެ ތިން ވަނަ ފިލްމެއް 200 ކްރޯޑް ކުލަބަށް

މިދިޔަ މަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ ފިލްމު "ދުރިޝަމް 2" 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި އެވެ.

މިއީ ކާމިޔާބު އެކްޓަރުގެ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެވަރުގެ އާމްދަނީއެއް ފަހަނަޅައި ދިޔަ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ 2020 ގައި ރިލީޒްކޮށް އަދި އެ ފިލްމުން އަޖޭ އަށް އެންމެ މޮޅު އެކްޓަރުގެ ދެވަނަ ނެޝަނަލް އެވޯޑް ވެސް ލިބުނު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި 2017 ގެ "ގޯލްމާލް އެގެއިން" އެވެ.

މިދިޔަ މަހުގެ 18 ގައި ރިލީޒްކުރި "ދުރިޝަމް 2" 200 ކްރޯޑް ކުލަބަށް ވަނީ ރިލީޒްކުރިތާ 23 ދުވަހުގެ ތެރޭގަ އެވެ. "ތާނަޖީ" ގެ އާމްދަނީ 200 ކްރޯޑަށް އެރީ ރިލީޒްކުރިތާ އެންމެ 15 ދުވަހުގެ ތެރޭގަ އެވެ. އަދި "ގޯލްމާލް އެގެއިން" 200 ކްރޯޑް ކުލަބަށް ވަނީ ރިލީޒްކުރިތާ 24 ދުވަހުގެ ތެރޭގަ އެވެ.

އަޖޭގެ 2015 ގެ "ދުރިޝަމް" ގެ ސީކްއެލް އަށް އިންޑިއާގެ ބޮކްސް އޮފީހުން ލިބުނު އާމްދަނީ އިއްޔެއާ ހަމައަށް ވަނީ 203.59 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރަ) އަށް އަރައިފަ އެވެ. އެންމެ 50 ކްރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ދުރިޝަމް 2" އަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ އެއްކޮށްލުމުން މިހާރު 291.28 ކްރޯޑް ރުޕީސް (35.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީގެ ވާހަކަ އަޖޭ މިއަދު ފޭސްބުކް ވެސް ހިއްސާކޮށްފައިވެ އެވެ. "ދުރިޝަމް 2" އަކީ މި އަހަރު ރިލީޒްވި އަޖޭ، 53، ގެ ފަސް ވަނަ ފިލްމެވެ. އަދި މި ފިލްމުވެފައި ވަނީ މި އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގަ އެވެ.

ޑައިރެކްޓަރު އަބީޝެކް ޕަތަކް ވަނީ "ދުރިޝަމް 3" ވެސް ހަދާނެކަން އިއުލާންކޮށްފަ އެވެ.