ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ "މަސްވެރިކަމުގެ އެކްސްޕޯ 2022" ގދ. ފަރެސްމާތޮޑާގައި ބާއްވައިފި އެވެ.
މި އެކްސްޕޯ ބާއްވާފައިވަނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް ފަރެސްމާތޮޑާ ބަނދަރު ސަރަޙައްދުގަ އެވެ.
މިއަދު މެންދުރުފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، ސްޓޯލްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ ދާއިރާގެ އައު އުފެއްދުންތަކާއި ގުޅޭ މަޢުލޫމާތު ހޯއްދަވާފަ އެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މި އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފަ އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންތިޒާމްކޮށްގެން ބޭއްވި މި އެކްސްޕޯގައި ޖުމްލަ 8 ސްޓޯލް ހުރި އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި، އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެ އެވެ.
މި އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސް ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބޭއްވި، މަސްކެނޑުމުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވާފަ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ، ގދ. ފަރެސްމާތޮޑާގެ ބަނދަރު ސަރަޙައްދުގަ އެވެ.