ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ހުވަފެން ނިމުމަކަށް އަތުވެފައިވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ ،37، މިހެން ބުނެފައިމިވަނީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް މުބާރާތުން ކަޓާފައިވާ ދަނޑިވަޅެއްގަ އެވެ.
ރޮނާލްޑޯ މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ ޕޯޗުގަލް އަށް ވޯލްޑް ކަޕް ހޯދައިދިނުމަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ހުވަފެއް ކަމަށާއި އިއްޔެ އެ ހުވަފެން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެ އުއްމީދަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި ތަށި ހޯދުމަށްޓަކައި ހުރިހާ އެއްޗެއް ދިން ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
ރޮނާލްޑޯ ބުނީ ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް ޕޯޗުގަލް އަށް އޮތް ލޯބި އެންމެ ހިނދުކޮޅަކަށް ވެސް ބަދަލުނުވާ ކަމަށާއި، އަބަދުވެސް މަސައްކަތްކުރީ ގައުމުގެ ހައްގުގައި ކަމަށެވެ. އަދި ދުވަހަކު ވެސް ޕޯޗުގަލްގެ ގައުމީ ޓީމަށް މޫނު އަނބުރާލާފައި ނުދާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގައި ދެވަނަ ބުރާއި އަދި ކުއާޓާފައިނަލްގެ މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. އެ ދެ މެޗުގައި ވެސް ރޮނާލްޑޯ ކުޅެން އެރީ ދެވަނަ ހާފްގައި ކަމަށްވާއިރު ޕޯޗުގަލްގެ ކޯޗު ފެންނާޑޯ ސަންޓޯސްގެ އެ ނިންމުމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ވަނީ މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ނުދެވުމުން ހިތާމަ ނުކުރާ ކަމަށް ބުނެފަ އެވެ.
ޕޯޗުގަލް މުބާރާތުން ކަޓާފައިވާއިރު މިފަހަރުގެ މުބާރާތް ރޮނާލްޑޯ ނިންމާލީ އެންމެ ގޯލަކާ އެކު އެވެ.