އެސްޓީއޯ މެދުވެރިކޮށް މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ޑިސްކައުންޓް ރޭޓުގައި ދޫކުރާ ތެޔޮ ލިބުމުގެ ދަތިކަން މަސްވެރިން ފާހަގަކުރާ ކަމަށާއި މިފްކޯ އިން މީގެކުރިން ތެޔޮ ދޫކުރަމުން އަންނަނީ އެހެން ގޮތެއް ނެތުމުން ކަމަށެވެ.
ނަމަވެސް މިއަދު އެސްޓީއޯގެ ވަކި ސަބްސިޑަރީ ކުންފުންޏަކުން ތެޔޮ ދޫކުރަމުންދާ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މަސްވެރިންނަށް ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެ ގޮތް އެސްޓީއޯ އިން ހަމަޖައްސައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެވިއްޔާ ފިއުލް ސަޕްލައިން (އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި) ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓުގައި އަދި ކްރެޑިޓް ލިބޭ ގޮތަށް މަސްވެރިންނަށް ތެޔޮ ލިބޭ ގޮތް ލަސްތަކެއް ނުވެ އެސްޓީއޯ އިން ހަމަޖައްސައިދޭނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ބޭންކް މެދުވެރިކޮށް ޓްރާންސްފާ ކުރެވުނީ ދެ ލައްކަ ރުފިޔާ ކަމަށްވާތީ އެކަމުގައި ހުރި ދަތިތައް މިއަދު މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ކަމަށެވެ. އެގޮތުން ހުރިހާ ވިޔަފާރިތަކަށް ބޭންކުތަކުން ގެންގުޅެން ޖެހޭނީ އެއް އުސޫލެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެން ވިޔަފާރިތަކަށް ގިނަ އަދަދަކަށް ޓްރާންސްފާ ހެދޭނަމަ މަސްވެރިންނަށް ވެސް އެކަން ކުރެވޭނެ އުސޫލެއް އެމްއެމްއޭ އިން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ މިކަމުގައި މަސްވެރިންނަށް ކުރިމަތިވެފައި އޮތް ދަތިތައް ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.