ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ރެފްރީއާ ހެދި ޕޯޗުގަލަށް ކުޅެވޭ ގޮތެއް ނުވި ކަމަށް އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.
މޮރޮކޯ އަތުން 1-0 އިން ބަލިވެ ވޯލްޑް ކަޕުން ޕޯޗުގަލް ކަޓާފައިވާއިރު މިއީ މުބާރާތުގެ ކުއާޓާފައިނަލް މެޗަކުން ޕޯޗުގަލް ބަލިވި ފުރަތަމަ ފަހަރެވެ. މޮރޮކޯ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ރެފްރީކަން ކޮށްފައިވަނީ އާޖެންޓީނާގެ ރެފްރީއެކެވެ.
ޕޯޗުގަލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މެޗަށްފަހު ވާހަކަދައްކަމުން ޕެޕޭ ބުނީ ވޯލްޑް ކަޕަށް އައުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ މެޗުގައި ރެފްރީކަން ކުރި ރެފްރީ ޕޯޗުގަލަށް ކުޅެން ފުރުސަތު ނުދިން ކަމަށެވެ. އެގޮތުން މެޗުގެ ދެވަނަ ހާފްގައި ރެފްރީ ދިޔައީ އިރުއިރުކޮޅާ ކުޅުން މެދުކަނޑަމުން ކަމަށާއި އޭގެ ސަބަބުން އެ ހާފްގައި ޕޯޗުގަލަށް ކުޅެވޭ ގޮތެއް ނުވި ކަމަށް ޕެޕޭ ބުންޏެވެ.
"އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި، ސަބަބަކީ އެއްގޮތަކަށް ވެސް އަހަރަމެންނަށް ކުޅެން ރެފްރީ ފުރުސަތެއް ނުދިން." ޕެޕޭ ބުންޏެވެ.
ޕެޕޭގެ އިތުރުން އެ މެޗަށްފަހު ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ވެސް ވަނީ އާޖެންޓީނާގެ ރެފްރީއެއް ޕޯޗުގަލް މެޗަށް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ވޯލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންނަށް ކުޅުންތެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވުން މިފަހަކަށް އައިސް ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެގޮތުން ކުއާޓާފައިނަލްގައި ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ އެ މެޗުގެ ރެފްރީކަން ކުރި ރެފްރީ އަށް ފާޑުކިޔާފަ އެވެ.