އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ފީޗާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމު ހަދަން ނިންމާފައި ވަނީ މަޝްހޫރު ސްޓޫޑިއޯ، ސާޗްލައިޓް ޕިކްޗާސްއާ ގުޅިގެންނެވެ. މިކަމާ ގުޅޭ ގޮތުން އެތަނުގެ ރައީސުން ކަމަށްވާ ޑޭވިޑް ގްރީންބޯމް އާއި މެތިއު ގްރީންފީލްޑް ނެރުނު ބަޔާނެއްގައި ބުނީ ޓޭލާގެ އަލަތު ފީޗާ ފިލްމަކީ އޭނަ ލިޔެ، ޑައިރެކްޓްކުރާ އެއްޗެއް ކަމަށެވެ.
"ޓޭލާގެ ފުރަތަމަ ފީޗާ އަހަރެމެންނާ ގުޅިގެން ހަދަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އަދި ޓޭލާ އަކީ މި ޖީލުގެ ވަރަށް ހުނަރުވެރި ފަންނާނެއް،" ބަޔާނުގައި ބުންޏެވެ. "ޓޭލާގެ މި ދަތުރަކީ ވަރަށް ކާމިޔާބު ކަމަކަށް ވާނެކަމުގެ އުންމީދު ވެސް ބޮޑު."
ކާމިޔާބު އެތައް އަލްބަމެއް ނެރެ، މިއުޒިކީ ދާއިރާ އިން އެތައް އެވޯޑެއް ހޯދާފައިވާ ޓޭލާ، 32، ފީޗާ ފިލްމެއް ހަދަން ތައްޔާރުވިކަން އިއުލާންކޮށްފައި މި ވަނީ ފީޗާ ފިލްމު ޑައިރެކްޓްކުރުމަކީ އަމާޒެއް ކަމަށް މީގެ ތިން މަހެއްހާ ދުވަސް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނިކޮށެވެ.
މިދިޔަ މަހު "މިޑްނައިޓްސް" ކިޔާ އަލްބަމެއް ނެރުނު ޓޭލާ ވަނީ ދާދި ފަހުން ކުރު ފިލްމެއް ލިޔެ، ޑައިރެކްޓްކޮށްފަ އެވެ. އެއީ މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) އާއި ޓްރިބެކާ ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކުރި "އޯލް ޓޫ ވެލް" އެވެ. މި ފިލްމު ވަނީ އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ ޝޯޓް ކެޓަގަރީ އަށް ވެސް ހުށަހަޅައިފަ އެވެ.
އިނގިރޭސި އެކްޓަރު ޖޯ އަލްވީންއާ ލޯބީގެ ގޮތުން ގުޅިގެން ޓޭލާ ބުނެފައިވާ ގޮތުގައި އޭނަ އެންމެ ގަޔާވަނީ "ކްރެމާ ވާސަސް ކްރެމާ" އާއި "މެރިޖް ސްޓޯރީ" އާއި "ލަވް ސްޓޯރީ" ގެ އިތުރުން "ދަ ސުވެނިއާ" ކަހަލަ އަސަރު ގަދަ، ޖަޒުބާތީ ފިލްމުތަކެވެ.