މި އަހަރުގެ ވޯލްޑް ކަޕަކީ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކަރުނައިގެ މުބާރަތަކަށް ވިޔަސް މި މުބާރާތު ތެރޭގައި އޭނަ އަށް ވަނީ ހަތަރު ރެކޯޑެއް ލިބިފަ އެވެ.
ކުރިން ވެސް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފުޓްބޯޅައިގެ ކުލަގަދަ ކެރިއަރެއް ބިނާކުރި ރޮނާލްޑޯ އަށް މުބާރާތް އަލަށް ލިބުނު ރެކޯޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރެކޯޑަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އޭނަ ހިމެނުމެވެ. އެގޮތުން ރޮނާލްޑޯ ޕޯޗްގަލް އަށް ކުޅުނު މެޗްތަކުގެ އަދަދު ވަނީ ގަތަރުގައި ކުރިއަށްދާ މުބާރާތުން ކެޓުމާ ހަމައަށް 196 އަށް އަރައިފަ އެވެ.
މި ރެކޯޑަކީ ކުރިން ކުވައިތުގެ ތަރި ބަދުރު އަލް-މުތާވާ އަށް އެކަނި އޮތް ރެކޯޑެކެވެ. ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕާ އެކީ ބަދުރުއާ ރޮނާލްޑޯ އެއްވަރުކުރުމުން މިހާރު އެ ރެކޯޑް ހިއްސާކުރަނީ މި ދެ މީހުންނެވެ.
It wasn’t to be for Cristiano Ronaldo and his side against Morocco but that didn’t stop him from setting FOUR new records throughout the tournament 🙌https://t.co/t1ApVrCSbK
— Guinness World Records (@GWR) December 10, 2022
މި ފަހަރުގެ މުބާރާތާ އެކީ ރޮނާލްޑޯ އަށް ލިބުނު އަނެއް ރެކޯޑަކީ މިހާތަނަށް ވޯލްޑް ކަޕް ތާރީހުގައި ކުޅުނު ފަސް މުބާރާތުގައި ވެސް ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް ވުމާއި ޖެހިޖެހިގެން ފަސް ވޯލްޑް ކަޕެއްގައި ކުޅުމުގެ ޝަރަފު ވެސް ލިބުމެވެ. ރޮނާލްޑޯއާ އެކީ މި ފަހަރު މި ރެކޯޑް މިހާރު ހިއްސާކުރާ ތަރިންގެ ތެރޭގައި އާޖެންޓީނާގެ ލައިނަލް މެސީ އާއި މެކްސިކޯގެ އަންދަރޭ ގަޑާޑޯ ވެސް ހިމެނެ އެވެ.
ކުރިން ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ކުޅެފައިވާ ތަރިންނަކީ މެކްސިކޯގެ ރަފޭލް މާކްއެޒާއި ޖަރުމަންގެ ލޮތާރް މެތައަސް އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މެޗަކަށް ނޭރުވުމާއި މެޗަކުން ބޭލުން ފަދަ ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ރޮނާލްޑޯ އަށް މި އަހަރު ލިބުނު ރެކޯޑަކީ އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި މީހާގެ ރެކޯޑް އަލުން އާ ކުރުމެވެ. އެއީ 500 މިލިއަން ފޮލޯވަރުންނާ އެކީގަ އެވެ. އެ އަދަދު ހުރަސްކުރީ މިދިޔަ މަހުގެ 20 ގައި ވޯލްޑް ކަޕް ފެށިތާ އެއް ދުވަސް ފަހުންނެވެ.
އިންސްޓަގްރާމްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު މިހާރު 513 މިލިއަނަށް އަރަ އެވެ. އިންސްޓަގްރާމްގެ އެންމެ ގިނަ ފޮލޯވަރުންގެ ރެކޯޑް ފަސް ކުދިންގެ ބައްޕަ ރޮނާލްޑޯ، 37، ގެ އަތުގައި އޮންނަތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ.